ކޮންމެ އަހަރަކުވެސް ޖޫން/ ޖުލައި އަކީ ރާއްޖޭގައި ޑެންގީ ހުން އިތުރުވާ ދުވަސް ވަރަކަށް ވާތީ މި އަހަރު ހާއްސަކޮށް ދުރާލާ އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ކުރިޔަށް އޮތް ކައުންސިލް އިންތިހާބަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމް ޓިކެޓުގައި ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިޒު ގޮވާލައްވައިފި އެވެ.
ޑރ. މުއިޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ދަނޑިވަޅަކީ ކޯވިޑް-19 އިން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ ވަގުތެއް ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި ދެ ބަލި އެއް ފަހަރާ ފެތުރުނަ ނުދިނުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ޑެންގީ ފެތުރުން ކޮންޓްރޯލް ކުރުމަށް ދުރާލާ ގައުމީ ފެންވަރެއްގައި މިހާރު މަސައްކަތް ފަށަން ޖެހިފައިވާ ކަމަށެވެ. އެގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމަށް މިހާރު މަސައްކަތް ފަށަން ވެއްޖެ ކަމަށެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން އެހެން އަހަރުތަކާއި ހިލާފަށް މި އަހަރުގެ ކުރީކޮޅު އާންބުކޮށް ފެތުރޭ ރޯގާތައް ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން އިތުރެވެ.
ޑެންގީ ހުމުގެ ވާހަކަ މިހާރު އިތުރުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު މާލޭ ގެސްޓް ހައުސް އެއްގެ ތެރޭގައި މަރުވެފަ އޮތް މީހާ އޭޑީކޭ ހޮސްޕިޓަލުން ޑެންގީއަށް ފަރުވާ ހޯދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވަނިކޮށެވެ. އެމީހާގެ ކުއްލި މަރާ ގުޅިގެން އެޗްޕީއޭއިން ވަނީ މަރުވި ފަހުން ކޯވިޑް-19 އަށްވެސް ޓެސްޓު ކޮށްފައި އެވެ. އެކަމަކު އޭނާއަށް ބަލި ޖެހިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް