ރިސޯޓްތަކުން ކަނޑާލާ މުވައްޒަފުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުނިތަކަށް ދިއުމަށް އޭނާ ގޮވާލައްވައިފި އެވެ.
ޖާބިރު ކުރި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ރިސޯޓް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަނޑާނުލުމަށް ރައީސް ސޯލިހް އެދިވަޑައިގެންނަވާ ކަމަށެވެ. އަދި އެކަމަށް އޭނާ ވެސް ތާއީދުކުރައްވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.
މުސީބާތުގެ ވަގުތުގައި މުވައްޒަފުން އިތުރަށް ހާލުގައި ޖެއްސުން އެއީ އިންސާނިއްޔަތާ ހިލާފު ކަމެއް ކަމަށް ޖާބިރް ގެ ޓްވީޓްގައި ވިދާޅުވިއެވެ.
ރިސޯޓްތަކުން ކަނޑާލާ މުވައްޒަފުންނަށް ޖާބިރުގެ ކުންފުނިން ފުރުސަތު އޮންނާނޭ ކަމަށް ފާހަގަ ކުރައްވާ ޖާބިރު ވިދާޅުވީ ހާލަތާއި ބައްދަލު މުސާރައެއް މުވައްޒަފުންނަށް ލިބޭނެކަމަށާއި ހާލުގައި ނުޖެހޭނެ ކަމަށެވެ.
އަދި އެހީތެރިކަން ހުރިހާ ފަރާތަކަށްވެސް ފޯރުކޮށްދޭނެކަމަށާއި، އެކުގައި މިހާލަތުން އަރައިގަނެވޭނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.
https://twitter.com/chairmanjabir/status/1244723753356935168
ސަރުކާރުން ބުނެފައިވާ ގޮތުން މި ހާލަތުގައި ވަޒީފާއާއި ގުޅުންހުރި 230 އަށްވުރެ ގިނަ މައްސަލައެއް ޖޮބްސެންޓަރުގައި ވެސް ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ. އަދި ސަރުކާރުން އެދެނީ އެފަދަ ހާލަތު މެދުވެރިވެފައިވާ ހުރިހާ ފަރާތްތަކުން އެ މައްސަލަ ޖޮބް ސެންޓަރަށް ހުށަހެޅުމަށެވެ.
ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ، ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުގައި މަސައްކަތް ކުރާ11،000 އަށްވުރެ ގިނަ މުވައްޒަފުން ނޯޕޭގައި ފޮނުވާލާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް