މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޯވިޑް-19) އަށް އިތުރު ދިވެއްސެއް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތް ތަކެއް ހުރުމުން ސާމްޕަލް ނަގާ ޓެސްޓް ކުރި އިރުގައި އޭނާ ކޯވިޑް-19 އަށް ޕޮޒިޓިވެ ވެފައިވާ ކަމަށެވެ. ޕޮޒިޓިވް ވެފައިވަނީ އިނގެރޭސި ވިލާތުން އައި ދިވެއްސެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއީ މި ހަފްތާގައި ކޯވިޑް-19 އަށް ޕޮސިޓިވްވި ތިން ވަނަ ދިވެއްސެވެ. މި އެންމެންވެސް ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.
ފުރަތަމަ ޕޮސިޓިވްވި މީހާ ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީގައި އެވެ. ދެވަނަ މީހާ ހުރީ ރޯޔަލް އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީގައި އެވެ.
މީގެ ތެރެއިން އެކަކު އެ ރިސޯޓުތަކަށް ގެންދިއުމުގެ ކުރިން ހުރީ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި އެވެ. އެހެންވެ އެޗްޕީއޭއިން ވަނީ އެޗްއައިއެޗުން ރިސޯޓަށް ބަދަލު ކުރި ދުވަހުން ފެށިގެން އެ ހޮޓެލްގައި ތިބި އެންމެންގެ އަލުން14 ދުވަހުގެ ކަރަންޓީން މުއްދަތަށް ބައިތިއްބަން ނިންމާފައި އެވެ.
އެ ހޮޓެލްގައި137 މީހަކު ތިއްބެވެ.
މިއަދު ޕޮޒިޓިވްވި މީހާއާއެކު މިހާތަނަށް 18 މީހަކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު ރާއްޖެއިން 13 މީހަކު ވަނީ މިބަލިން ރަނގަޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް