ވައިރަހަށް ޓެސްޓު ކުރުމުން ރިސޯޓުން ފޭބޭގޮތަށް ރިސޯޓުތަކުން ފޭބުން މަނާ އެންގުން އިސްލާހުކޮށްފި

ރިސޯޓުތަކަށް މީހުން އަރާ ފޭބުމާއި ގުޅޭގޮތުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކުރިން ނެރުނު އެންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަލުން އެންގުމެއް ނެރެފި އެވެ. ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލި...

31 Mar 2020 | 02:47

ރިސޯޓުތަކަށް މީހުން އަރާ ފޭބުމާއި ގުޅޭގޮތުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކުރިން ނެރުނު އެންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަލުން އެންގުމެއް ނެރެފި އެވެ.

ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ ރިސޯޓުތަކާއި ސަފާރީތަކުގަިއ މަސައްކަތް ކުރާ މުވައްޒަފުންނަށް ރަށްރަށުން އެތަންތަނަށް ދެވިދާނެ ކަމަށެވެ. އެއާޕޯޓަށް ގެސްޓުން ގޮވައިގެންދާ މުވައްޒަފުން އެނބުރި ރިސޯޓަށް ވަގުތުން ދާންޖެހޭނެ ކަމަށާއި އެ މައުލޫމާތު އެޗްޕީއޭއާއި ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ.

އެ އެންގުމުގައި ވާގޮތުން ރިސޯޓުތަކުގައި ތިބި މުވައްޒަފުންނާއި އެނޫން ބޭނުންތަކުގައި ގޮސް ތިބި މީހުން ޓޫރިސްޓުން ހުސް ނުވަނީސް ފައިބަން ބޭނުން ނަމަ އެކަހެރިކޮށް ކޮޓަރިއެއްގައި އުޅޭތާ14 ދުވަސްވީކަން އެޗްޕީއޭއަށް އަންގައިދޭން ޖެހެ އެވެ. އަދި އެފަރާތެއް ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު ނަތީޖާ ލިބުމުން ނޫނީ ރިސޯޓުން ނުފޭބޭނެ ކަމަށެވެ.

ރިސޯޓުން ނުވަތަ ސަފާރީއަކުން އެންމެ ފަހު ޓޫރިސްޓު ދިއުމުން14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވުމުން މުވައްޒަފުންނަށް އެތަނަކުން ފޭބޭނީ އެ އެންގުމުގައި ވާގޮތުން ބައްޔަށް ޕޮސިޓިވް ނުވަތަ އަލާމާތެއް ފެންނަ އެއްވެސް މީހަކު ނެތް ނަމައެވެ.

މި ދެގޮތަށްވެސް ރިސޯޓުން ފޭބޭނީ އެޗްޕީއޭއިން ބޭނުންވާ މައުލޫމާތު ހުށަހެޅުމުން އެކަން ބަލައި އެ އޮތޯރިޓީގެ ހުއްދަ ލިބުމުންނެވެ.

އިތުރަށް ބުނެފައިވަނީ މިގޮތްތަކުގެ އިތުރުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ ހާއްސަ ހާލަތެއްގައި އަންގާ އެންގުމެއް ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ. މި އެންގުން ތަންފީޒު ކުރުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކާއި ކުންފުނިކަށް ވަނީ އަންގާފަ އެވެ.

މިފަހަރުގެ އެންގުން ނެރެފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް