އާންމުންގެ މެދުގައި ކޯވިޑް-19 ފެތުރޭ ކަމުގެ އެއްވެސް ނިޝާނެއް މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ އާންމުންގެ ތެރޭގައި ކޮރޯނާވައިރަސް ފެތުރެމުން ނުދާކަން ކަށަަވަރު ކުރުމަށް، ސަވައިލެންސް ސާމްޕަލްތައް ނަގަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އާންމުކޮށް މި ކުރާ ޓެސްޓުތަކުން ފެންނަ ނަތީޖާ ތަކުން އާންމުންގެ ތެރޭގައި ބަލި ފެތުރޭނަމަ އެކަން އިނގޭނެ ކަމަށެވެ.
އެންމެ ބޮޑަށް އެކަން އެނގިގެންދާނީ ހޮސްޕިޓަލްތަކުން ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ. އެގޮތުން ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެ ސިއްހީ ނިޒާމު ބޮއްސުންލައިގެން ދިއުމަކީ ކޯވިޑް-19 އާންމުންގެ ތެރޭގައި ފެތުރެން ފެށުމުން ފެނިގެންދާނެ ކަންކަން ކަމަށެވެ.
އާންމުކޮށް މާލޭ އާއި އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކްތަކުން ދުވާލެއްގެ މައްޗަށް ފަރުވާ ހޯދަމުން ދަނީ ގާތްގަނޑަކަށް250 ވަރަށް މީހުންނެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޑރ. މުރާދު ވިދާޅުވީ އެފަދަ ފުރުސަތެއް ފަހިވެފަ ނެތީ އެޅެމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އަދި އެދިވަޑައިގެންނަވަނީ އާންމުންނެކޭ އެއްގޮތަށް ގޭގައި ކަރަންޓީން ކޮށްފައި ތިބި މީހުންވެސް އަމަލު ކުރަން އަންގާފައި އޮންނަ ގޮތަށް ކުރިޔަށް ދިއުމަށެވެ،
އޭނާ ވިދާޅުވީ ކަރަންޓީންގައި ތިބޭ މީހުން އެޗްޕީއޭއަށް އެންގުމެއް ނެތި ހޮސްޕިޓަލްތަކަށް ފަރުވާ ހޯދަން ދާތަން މަދުން ނަމަވެސް ފެންނަމުންދާ ކަމަށެވެ. އެމީހާ އަކީ ބަލީގެ އަލާމާތެއް ނެތް ނުވަތަ ފަހުން ޓެސްޓުގެ ނަތީޖާ ނެގެޓިވް ވިޔަސް ކަރަންޓީންގައި ހުންނަ މުއްދަތުގައި ބަލި ފެތުރުމަށް އޮންނަ ފުރުސަތު ހަނިކުރަން އެއްބާރުލުން ދޭން ޖެހޭ މީހަކަށް ވާންޖެހޭ ކަމަށެވެ.
ރާއްޖެއިން ފެނިފައިވާ ބައެއް ޝައްކު ކުރެވޭ ކޭސްތަކާއި ގުޅިގެން ގިނަ އަދަދެއްގެ އެއާޕޯޓު މުވައްޒަފުން އައިސޮލޭޝަންގައި ތިބެން ޖެހިފައިވެ އެވެ. އެކަމަަކު އެފަދަ ކޭސްތައް ވަނީ ނެގެޓިވް ވެފައި އެވެ.
މިހާތަނަށް ރާއްޖޭގައި ގައިން ގަޔަށް ބަލި އަރާފައިވަނީ ބަލި ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުގައި އެކަންޏެވެ. ޗުއްޓީ ހޭދަކޮށްފަ ދިޔަފަހުން ކޯވިޑް-19 އަށް ޕޮސިޓިވްކަން އެންގި ޓޫރިސްޓުގެ ފަރާތުން އެ ރިސޯޓުގެ ފަސް މުވައްޒަފަކަށް ވަނީ ކޯވިޑް-19 ޖެހިފަ އެވެ.
އެ ފަސް މުވައްޒަފުންވެސް މިހާރުވަނީ ފަރުވާއަށް ފަހު ދޫކޮށްލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް