ހއ. މުރައިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެޗްއީއޯސީން ބުނީ އެ ރަށުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ ރިސޯޓަކުން ގޮސް ހުރި މީހެއް ކަމަށެވެ. އެމީހާ ކޯވިޑަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެނިގެންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެމީހާ އަކީ ބެލެވޭ ގޮތުގައި ދެ ވަނަ ފަހަރަށް ކޯވިޑް ޖެހިފައިވާ މީހެކެވެ. އެޗްޕީއޭގެ ގަވައިދު އިންނަ ގޮތުން ކޯވިޑުން ރަނގަޅުވިތާ ތިން މަސް ނުވާ މީހުން އަތޮޅު ތެރެއަށް ދަތުރު ކުރިޔަސް ހޯމް ކަރަންޓީންގައި ހުންނާކަށް ނުޖެހެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެމީހާ އާއި ކޮންޓެކްޓުވި މީހުންގެ ގޮތުގައި އެ ރަށުން 10 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެޗްޕީއޭއން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ރަށު ތެރޭގައި ބަލި ފެތުރޭތޯ ބަލައި އިތުރަށް ޔަގީން ކުރުމަށެވެ. އެގޮތުން މިހާތަނަށް 84 ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށް ބުނެ އެވެ.
މިވަގުތު މުރައިދޫގެ އިތުރުން މޮނިޓަރިންގެ ހާލަތުގައި އޮތީ އއ. މަތިވެރި، ގއ. ދެއްވަދޫ އަދި ދާންދޫ އާއި މ. ކޮޅުފުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް