ކޮންމެ މުސްލިމަކުވެސް ޞާލިޙު ދަރިންތަކެއް ދެއްވުމަށް އެދޭނެކަން ޔަޤީނެވެ. އެގޮތުން ޞާލިޙު ދަރިން ދެއްވުމަށް އެދި ދުޢާކުރުމަށް ކީރިތި ޤުރުއާނުގައި އަހަރެމެންނަށް އަންގަވާފައިވެއެވެ. އެއީ ދުޢާއަކީ މުއުމިނުންގެ އެންމެ ވަރުގަދަ ހަތިޔާރު ކަމުގައި ވާތީއެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ. (وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ) (سورة غافر 60)
މާނައީ: ”އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.“
އަދިވެސް ތިރީގައި މިވާ ދުޢާތަކަކީ ކީރިތި ޤުރުއާނުން ހޮވާލެވިފައިވާ، ދަރިން ދެއްވުމަށް އެދި ކުރެވިދާނެ ދުޢާތަކެކެވެ.
(رَبِّ هَبْ لِي مِنَ الصَّالِحِينَ) سورة الصافات 100
މާނައީ: ”އަޅުގެ ވެރި އިލާހެވެ! މިއަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!“
(رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ) سورة الفرقان 74
މާނައީ: “ އަޅަމެންގެ ވެރިއިލާހެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!“
(رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ) سورة الأنبياء 89
މާނައީ: ”އަޅުގެ ވެރިއިލާވެ! މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބައިލާހީ، އެންމެ ހެޔޮގޮތުގައި ވާރުތަކުރައްވާ އިލާހެވެ.“
( رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖإِنَّكَ سَمِيعُ الدُّعَاءِ ) سورة آل عمران 38
މާނައީ: ”އަޅުގެ ވެރިއިލާވެ! އިބަރަސްކަލާނގެ ޙަޟްރަތުން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ދުޢާ އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ.“
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް