ކޯވިޑް-19 ގެ ކޭސްތައް އިތުރުވެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ބާރު ބޮޑުވަމުން ދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކޯވިޑް-19 އަށް ކޮންމެ ދުވަހަކު ޕޮސިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި ހުންނަތާ ފަސް ދުވަސް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ ރާއްޖޭގައި ކޮންމެ ދުވަހަކު 50 އަށް ވުރެ ގިނަ މީހުން ޕޮސިޓިވްވާ ނަމަ ބަލީގެ ހާލަތު ކޮންޓްރޯލުން ނައްޓާނެ ކަމަށެވެ.
މިއަދު އެޗްޕީއޭއިން ބުނީ 2021 ވަނަ އަހަރު ފެށުނީންސުރެ ކޯވިޑް ކޭސްތަކުގެ އަދަދު ހުރީ 50 ން މަތީގައި ކަމަށެވެ. އަދި މިދިޔަ ހަފްތާގައި އެ އަދަދު 100 އަށް އަރާފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ މިގޮތަށް ކޭސްތައް އިތުރުވާނަމަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާވަރު ވާނެ ކަމަށެވެ. މިކަމުގެ ސަބަބުން ކޯވިޑް-19 ގެ ކޭސްތައް އިތުރުވެ އެހެން ބަލިތަކަށް ފަރުވާ ދިނުމަށް ބުރޫއަރާނެ ކަމަށް ބުނެ އެވެ.
އެހެން ކަމުން އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައި އެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ރާއްޖެއިން 122 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި މިހާރު 1،582 މީހުންނަށް ކޯވިޑް ޖެހިގެން ފަރުވާ ދެމުންދާއިރު 152 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.
މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 14،096 މީހުން ކޯވިޑުން ރަނގަޅުވެފައިވެ އެވެ. އަދި 51 މީހުން ވަނީ ބަލީގައި މަރުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 15،736 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް