ކޯވިޑް-19 އަށް ރާއްޖޭގައި ދޭން ނިންމާފައިވާ ވެކްސިން އާއި ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފި އެވެ.
އިދިކޮޅުން ގެންދަނީ ރާއްޖެއިން ދިނުމަށް ނިންމާފައިވާ އިންޑިއާގެ "ކޮވިޝީލްޑް" ވެކްސިން އަކީ އަދި ޑަބްލިއުއެޗްއޯގެ ހުއްދަ ދީފައިވާ ވެކްސިންއެއް ނޫން ކަމަށް ބުނަމުންނެވެ. އަދި އެ ވެކްސިން އަކީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދައި ރާއްޖެއަށް ފޮނުވާފައިވަނީ ކޮވިޝީލްޑު އަޖުމަބެލުމުގެ ޑޯޒުތަކެއް ކަމަށް ބުނެފައި އެވެ.
އީސީން ނެރުނު ބަޔާނެއްގައި ބުނީ ކޯވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ތައްޔާރުވަމުން މިހާރު އެ ދަނީ ކޯވިޑަށް ވެކްސިން ދިނުމަށް ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި މި ބަލިން ރައްކާތެރިވުމަށް ދެވޭ ވެކްސިނާއި މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އަދި ބިރުވެރިކަން އުފެދޭ ގޮތަށް ސިޔާސީ އިސް ފަރާތްތަކުން ވާހަކަ ދެއްކުމަކީ އީސީން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެ ކޮމިޝަނުން ބުނީ އިންތިހާބު ބޯމަތިވެފައިވާއިރު ކެމްޕެއިން ކުރުމަށް ރައްކާތެރި މާހައުލެއް އޮންނަން ޖެހޭ ކަމަށެވެ. އަދި މިފަދަ ވާހަކަތަކުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި ވޯޓުލާން ނުކުންނަ މީހުންގެ އަދަދަށް ބަދަލު އައިސްދާނެ ކަމަށް ބުންޏެވެ،
އިންޑިއާއިން ހަދިޔާ ކޮށްފައިވާ ވެކްސިން ޖެހުމާއި ދެކޮޅަށް އިދިކޮޅުން މިދިޔަ ބުރާސްފަތި ދުވަހު ހެލްތް މިނިސްޓްރީ ދޮށުގައި މުޒާހަރާ ކޮށްފައިވެ އެވެ. އެކަމަކު ފަހުން ބުނެފައިވަނީ އެ ވެކްސިނާއި ދެކޮޅު ނޫން ކަމަށެވެ.
މާދަމާ ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާށެވެ. ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީގައި އެވެ.
އިންޑިއާއިން ވަނީ "ކޮވިޝީލްޑް" ގެ 100،000 ޑޯޒު ރާއްޖެއަށް ހަދިޔާ ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް