ކޯވިޑް ކޭސްތައް އިތުރުވާތީ އައިޖީއެމްއެޗުގެ ހިދުމަތްތަކަށް ބަދަލު ގެނެސްފި

ކޯވިޑް-19 ގެ ކޭސްތައް މާލޭގައި އިތުރުވެފައިވާތީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ދޭ ބައެއް ހިދުމަތްތަކަށް ބަދަލު ގެނެސްފި އެވެ. އައިޖީއެމްއެޗުން ބުނީ މިއަދުން ފެށިގެން އެ ހޮސްޕިޓަލުގެ ފަސް ...

31 Jan 2021 | 09:49

ކޯވިޑް-19 ގެ ކޭސްތައް މާލޭގައި އިތުރުވެފައިވާތީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ދޭ ބައެއް ހިދުމަތްތަކަށް ބަދަލު ގެނެސްފި އެވެ.

އައިޖީއެމްއެޗުން ބުނީ މިއަދުން ފެށިގެން އެ ހޮސްޕިޓަލުގެ ފަސް ހިދުމަތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. މި ބަދަލުތައް ގެނެސްފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ.

އެގޮތުން ގިނަ އޯޕީޑީތަކުގައި ބަލި މީހުން ބެލުން ހެނދުނު 8:00 ން މެންދުރު 2:00 އަށް ކުރުކުރުން، ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ ނަމަ ފްލޫ ކްލިނިކަށް ދިއުމަށް އިރުޝާދު ދިނުން ހިމެނެ އެވެ. އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިތަލަށް ވަންނަ މީހުންގެ ހުމާއި ރޯގާފަދަ އަލާމާތްތައް ސްކްރީން ކުރަމުންދާނެ ކަމަށް ބުނެ އެވެ.

އައިޖީއެމްއެޗުން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދުރާލާ ރޭވިގެން ކުރިޔަސް ގެންދިޔުމަށް ހަމަޖެހިފައިވާ ރޫޓިން އޮޕަރޭޝަންސްތައް މަދުކުރާނެ ކަމަށެވެ. އަދި އޯޕީޑީ ސަރަހައްދުގައި އެއްވަގުތެއްގައި މަޑުކުރާ ބަލި މީހުން މަދު ކުރުމުގެ ގޮތުން އެކި ގަޑިތަކަށް އެޕޮއިންޓްމެންޓުތައް ބަހާލައިގެން މީހުން ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިދިޔަ އަހަރުވެސް މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން އާންމު އޮޕަރޭޝަންސްތައް އައިޖީއެމްއެޗުން ހުއްޓާލި އެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުން އޮންލައިންކޮށް ކުރިޔަށް ގެންދިދުމާއި ބައެއް އޮޕަރޭޝަންސްތައް ކުރުން މެދުކަނޑާލި އެވެ.

އައިޖީއެމްއެޗުގެ އިތުރުން އިއްޔެ އޭޑީކޭ ހޮސްޕިޓަލުންވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ބައެއް ހިދުމަތްތަކަށް ބަދަލު ގެނެސްފައި އެވެ. އެގޮތުން އޯޕީޑީގެ ހިދުމަތް އޮންލައިންކޮށް، ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓް ކުރުން ވަނީ ހުއްޓާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް