ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އާ ބެހޭގޮތުން މީޑިޔާއަށް މައުލޫމާތު ދެއްވަމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވްރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ، އެމްޑީޕީން ލޯކަލް ކައުންސިލްގެ އިންތިހާބަށް ކެމްޕެއިން ކުރާނީ އެ ރައްރަށަށް ގޮސް ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ.
ކެމްޕެއިން ކުރާނީ އެޗްޕީއޭ ގައިޑްލައިންތަކާ އެއްގޮތަކަށް ކަމަށް ވިދާޅުވަމުން ނަޝީދު ވިދާޅުވީ،10 ދުވަހަށް ކަރަންޓީން ވާން ދާން ތައްޔާރަށް ތިބިކަމަށެވެ. އަދި ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު ކެމްޕެއިން ކުރާއިރު، ގޭގެއަށް ނުހިނގނެކަމަށެވެ. އޭގެ ބަދަލުގައި ގޭގެއަށް ފޯނުކޮށްގެން ކެމްޕެއިން ކުރާނެ ކަމަށެވެ.
ރައްރަށުގައި ކެމްޕެއިން ކުރާނީ ޖަލްސާ ބާއްވައިގެން ކަމަށް ވިޔަސް، ރަށުގެ އެކި ދިމަދިމާލުގައި ސްކްރީން ބަހައްޓައި، ދުރުދުރުގައި ގޮނޑި ބަހައްޓައިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެ ބޭފުޅުން އެ ރައްރަށުގައި ތިބިކަމަށް ވިޔަސް، އެއް ނުބާނެ ކަމަށްވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
ހުރިހާ ކަމަކަށް ވުރެ މުހިންމު ކަމެއްގެ ގޮތުގައި އެމްޑީޕީން ދެކެނީ، ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި ގޮނޑި އަންހެނުންނަށް ޚާއްޞަ ކުރެވުން ކަމަށާއި، މިއީ މިވަގުތަށް ދިވެހި ރާއްޖޭގެ ތަރައްގީއަށް އެޅެން އޮތް އެންމެ ބޮޑު ފިޔަވަޅު ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގައި ވަނީ ކައުންސިލްތައް ބިކަކޮށް، ނުހިންގޭނެ ގޮންޖެހުމެއް ކުރިމަތި ކޮށްފައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން 2018 ވަނަ އަހަރު މި ސަރުކާރު އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ ކައުންސިލްތައް މިނިވަން ކުރުން ކަމުގައި ނަޝީދު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް