އަދުރޭގެ ޝަރީއަތް: ޖަވާބު ދާރީވާން ފުރުސަތު ދީފި

ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ ފުރ...

31 Jan 2021 | 05:33

ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑު އެހުން ނިންމާލައިފި އެވެ.

މިއަދު އޮތީ އެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އަދުރޭގެ ފަރާތުން ޖަވާބު ދެއްވާފައެއް ނުވެ އެވެ. ދައުވާ އިއްވުމުން އަދުރޭ ވަނީ ދައުވާ އާއި ގުޅޭ ލިޔެކިޔުންތައް ލިބުނީ މިއަދު ކަމަށްވާތީ ޖަވާބު ދާރީވާން ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެފައި އެވެ.

އެހެންވެ ޝަރީއަތުން އަދުރޭއަށް ވަނީ މި މައްސަލައަށް ޖަވާބުދާރީވުމަށް ފުރުސަތު ދީފައި އެވެ. އަދި އަންނަ ހަފްތާގައި މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކުރާނެ ކަމަށެވެ.

އަދުރޭގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ ހ.ގެ ތިން ވަނަ ނަމްބަރާއި ހަވާލާދީ އެ މާއްދާގެ ނ. ށ. ގެ ދަށުން ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގަ ޕީޖީ އޮފީހުން އޭނާ އާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު އެވެ. މި މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހެޅީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް ސާވިސް (ޑިޖޭއޭ) އިންނެވެ.

އަދުރޭ ހަޑިހުތު ބަހުން ވާހަކަދެއްކެވީ 28 ނޮވެމްބަރު 2019 ގައި ކްރިމިނަލް ކޯޓު ބޭރުގައި ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތްކުރައްވަ އެވެ. އެދުވަހު ދެއްކެވި ވާހަކައިގަ އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި އެ ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށެވެ.

ޑީޖޭއޭއިން ސިފަކޮށްފައިވަނީ އަދުރޭގެ ވާހަކަތަކަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް