ބަނޫ އިސްރާއީލުގެ މީހުން ކަނޑު ހުރަސް ކުރިތަން ފިރުޢައުނަށް ފެނުނެވެ. އޭރު ކަނޑު އޮތީ އަމާންކޮށެވެ. ފިރުޢައުނާއި އޭނާގެ ސިފައިން ކަނޑުގައި ހެދިފައިވާ މަގުތަކުގެ ތެރެއަށް ވަދެ، އެއްގަމާ ދިމާލަށް މިސްރާބު ޖެހިއެވެ. އެހިނދު ބަނޫއިސްރާއީލުގެ މީހުންނަށް އެމީހުން އަންނަތަން ފެނިފައި، ބިރުގަނެއްޖެއެވެ.
އެހިނދު ކަނޑު އެއޮތްގޮތަށް ހިމޭންކަމާއެކު ދޫކޮށްލެއްވުމަށް ﷲ ތަޢާލާ މޫސާގެފާނަށް ވަޙީކުރެއްވިއެވެ.
(إِنَّهُمْ جُندٌ مُّغْرَقُونَ)
މާނަ: “ހަމަކަށަވަރުން، އެއުރެންނީ ޣަރަޤުކުރައްވާނޭ ލަޝްކަރެކެވެ.”
ފިރުޢައުނުގެ ސިފައިން ކަނޑުގެ ތެރެއަށް ވަދެގަތުމާއެކު، އުފުލިފައިވާ ފަރުބަދަތަކެއް ފަދަ ރާޅުތައް އެ މީހުންނާއި ކުރިމަތިލިއެވެ. އެ ބިޔަ ލަޝްކަރުގެ އެންމެން ޣަރަޤުވިތަން ފިރުޢައުނަށް ފެނުނެވެ. އެހިނދު އޭނާއަށް މަރުގެ ސަކަރާތް ޖެހުނެވެ.
(حَتَّىٰ إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لَا إِلَـٰهَ إِلَّا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَا مِنَ الْمُسْلِمِينَ)
މާނަ: “ދެން އެ ފިރުޢައުނު ޣަރަޤުވީ ހިނދު އޭނާ ބުންޏެވެ. އިސްރާއީލުގެ ދަރިން އީމާންވީ އިލާހު މެނުވީ، އެހެން އިލާހަކު ނެތްކަމަށް އަހުރެން އީމާންވެއްޖައީމެވެ. އަދި އަހުރެން ވަނީ މުސްލިމުންގެ ތެރެއިންނެވެ.”
އެކަމަކު އެބަހަކުން ފިރުޢައުނަކަށް، ފައިދާއެއް ނުކުރިއެވެ.
(وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّىٰ إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الْآنَ)
މާނަ: “އަދި ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިން މީހެއްގެ ގާތަށް މަރު އައިސް ޙާޟިރުވެއްޖެނަމަ، އެހިނދު ތިމަން މިހާރު ތައުބާ ވެއްޖައީމޭ ބުނާ މީހުންނަށް ތައުބާ ލެއްވުމެއް ނެތެވެ.”
(يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِن قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا)
މާނަ: “ކަލޭގެފާނުގެ ވެރިރައްބުގެ ބައެއް އާޔަތް (އެބަހީ: ޤިޔާމަތް ދުވަހުގެ ޢަލާމާތްތައް) އަންނަ ދުވަހު، އޭގެ ކުރިން އީމާންވެފައި ނުވާނަމަ، ނުވަތަ އީމާންވެ ހެޔޮ ޢަމަލުކޮށްފައި ނުވާނަމަ، އެއްވެސް ނަފްސަކަށް އެ ނަފްސެއްގެ އީމާނަކުން މަންފާއެއް ނުކުރާނެއެވެ.”
(آلْآنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ الْمُفْسِدِينَ)
މާނަ: “(އެވަގުތު ފިރުޢައުނަށް އެންގެވިއެވެ. ކަލޭ ތިޔަ އީމާންވީ) މިހާރު ހެއްޔެވެ؟ ކަލޭ މީގެކުރިންވަނީ އުރެދިފައެވެ. އަދި ކަލޭވީ، ފަސާދަކުރާ މީހުންގެ ތެރެއިންނެވެ.”
ކަނޑަށް ޣަރަޤުވެގެން ދިޔަ މީހުންގެ ތެރޭގައި، ފިރުޢައުނު ވެގެން ދިޔައެވެ. އެތައް ހާސް ކުޑަކުދިން ޤަތުލުކޮށް، ބަނީ އިސްރާއީލުގެ މީހުންނަށް އެތައް ވޭންދެނިވި ޢަޛާބުދިން ޖައްބާރު ފިރުޢައުނު މަރުވެއްޖެއެވެ.
މިޞްރުގެ ރަސްގެފާނު (ފިރުޢައުނު) މަރުވީ އޭނާގެ ގަނޑުވަރުތަކާއި ދުރުގައި ނިކަމެތި ޙާލުގައެވެ. އަދި އޭނާގެ ތަޚުތާވެސް ދުރުގައެވެ. އަދި މަރުގެ ސަކަރާތުން ދުރުކޮށްދޭނެ ޑޮކްޓަރެއް ވެސް އޭނާގެ ކައިރިއަކު ނެތެވެ. އަދި ވަޞިއްޔައް ކުރާނޭ އެކުވެރި އެއްވެސް އޭނާގެ ކައިރިއަކު ނުވިއެވެ.
ފިރުޢައުނު މަރުވި ކަމާމެދު ބަނޫ އިސްރާއީލުގެ މީހުން ތިބީ ޝައްކެއްގެ މަތީގައެވެ. އެމީހުން ބުންޏެވެ. ހަމަޔަޤީނުންވެސް ފިރުޢައުނު މަރެއް ނުވެއެވެ. ކަނޑު އަމާންވި ހިނދު، ފިރުޢައުނު މަރުވެއްޖެކަން އެމީހުން ޔަޤީންކުރިއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً)
މާނަ: “ފަހެ، ތިމަންއިލާހު މިއަދު ކަލޭގެ (ފުރާނަނެތް) ހަށިގަނޑު ސަލާމަތްކުރައްވާހުށީމެވެ. އެއީ ކަލޭގެ ފަހުން އަންނަ ބަޔަކަށް ޢިބްރަތެއްކަމުގައި ކަލޭ ވުމަށެވެ.”
ވިސްނާ ފިކުރުކުރާ ބަޔަކަށް ފިރުޢައުނުގެ ވާހަކައިގައި ޙެއްކެއްވާކަން ކަށަވަރެވެ. އަދި ޢިބްރަތް ޙާޞިލުކުރާ ބަޔަކަށް ޢިބްރަތެއް ވެއެވެ. ފިރުޢައުނުގެ ލަޝްކަރުން އެއްވެސް މީހެއް ސަލާމަތެއް ނުވިއެވެ. އެ މީހުންގެ ފަހަތަށް މިޞްރު ދޫކުރިއެވެ. އެ މީހުންގެ ހަށިތައް ވަޅުލުމަށް މިޞްރުގެ ތަނަވަސް ބިމުން ކައިވަތެއްގެ މިންވަރުވެސް ނުލިބުނެވެ.
(كَمْ تَرَكُوا مِن جَنَّاتٍ وَعُيُونٍ)
މާނަ: “ކިތައްކިތައް ބަގީޗާއާއި ކިތައްކިތައް އާރު އެއުރެން ދޫކުރި ހެއްޔެވެ؟”
(وَزُرُوعٍ وَمَقَامٍ كَرِيمٍ)
މާނަ: “އަދި ދަނޑުތަކާއި ރީތި ގޭގެވެސް މެއެވެ.”
(وَنَعْمَةٍ كَانُوا فِيهَا فَاكِهِينَ)
މާނަ: “އަދި އުފަލުގައި އެއުރެން ދިރިއުޅުނުކަމުގައިވި ނިޢުމަތުގެ ތަނަވަސް ދިރިއުޅުމެވެ.”
(كَذَٰلِكَ ۖ وَأَوْرَثْنَاهَا قَوْمًا آخَرِينَ)
މާނަ: “(ކަންތައްހުރީ) އެފަދައިންނެވެ. އަދި ތިމަންއިލާހު އެތަކެތި އެހެންބަޔަކަށް ވާރުތަކުރެއްވީމެވެ.”
(فَمَا بَكَتْ عَلَيْهِمُ السَّمَاءُ وَالْأَرْضُ وَمَا كَانُوا مُنظَرِينَ)
މާނަ: “ފަހެ، އެއުރެންގެ މައްޗަކަށް އުޑެއްވެސް އަދި ބިމެއްވެސް (ހިތާމަކޮށް) ނުރޮއެވެ. އަދި އެއުރެންނީ މުހުލަތު ދެއްވާފައިވާ ބަޔަކުކަމުގައި ނުވެއެވެ.”
މަޝްދަރު:ދިސަލަފިއްޔާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް