ޔަމަންގައި މަތިންދާ ބޯޓަކަށް ދިން ބޮމުގެ ހަމަލާތަކެއްގައި އެތައްބަޔަކު މަރުވެއްޖެ އެވެ.
އެގައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ ޔަމަނުގައި އަލަށް އެކުލަވާލެވުނު ކެބިނެޓްގެ މެމްބަރުން ގޮވައިގެން ދަތުރުކުރި މަތިންދާބޯޓަކަށެވެ.
އަދަންގެ އެއަރޕޯޓުގައި ބޯޓު ޖެއްސިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެއަރޕޯޓަށް ދިން ބޮމުގެ ވަރުގަދަ މި ހަމަލާތަކުގައި އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ވެސް ނޫސްތަކުގައި ބުނެފައި ވެއެވެ.
ރަސްމީ އިދާރާތަކާ ޙަވާލާދީ ބުނެފައިވަނީ މި ބާރުގަދަ ގޮވުންތައް ގޮވާފައި ވަނީ، ދުރުން ދިން ހަމަލާތަކެއްގެ ސަބަބުން ކަމެއް ނުވަތަ އެއަރޕޯޓުގެ އެކި ސަރަހައްދު ތަކުގައި ހަރުކޮށްފައިވާ ބޮންތަކެއްގެ ސަބަބުން ކަމެއް އަދި ޔަގީން ނުވާ ކަމަށެވެ.
މިހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން މިހައިތަނަށް އުފުލާފައި ނުވާ އިރު، ޔަމަނުގެ އިންފޮމޭޝަން މިނިސްޓަރ މުއައްމާރު އަލް-އެރްޔާނީ ވިދާޅުވެފައި ވަނީ، މިގޮވުންތަކުގެ ޒިންމާ އުފުލަންޖެހޭނީ، އިރާނުން އެހީތެރި ވެދީގެން އެގައުމުގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހޫތީން ކަމަށެވެ.
މިހަމަލާގައި، ބޮންތައް ގޮއްވާލުމުގެ ކުޑަވަގުތު ކޮޅެއްކުރިން އެއަރޕޯޓުގައި ޖެއްސި މަތިންދާ ބޯޓުން ދަތުރު ކުރި، ސަރުކާރުގެ އެއްވެސް އޮފިޝަލަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޫތީން ވަނީ، މިހަމަލާގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް