ކޯވިޑަށް ހަތް މީހަކު ޕޮސިޓިވްވެ ނިޔާމަ ރިސޯޓު މޮނިޓަރިންއަށް ލައިފި

ދ. އަތޮޅު ނިޔާމަ ރިސޯޓުން ބަޔަކު ޕޮސިޓިވްވެ އެ ރިސޯޓު މޮނިޓަރިންއަށް ލައިފި އެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ އެ ރިސޯޓު މޮނިޓަރިންއަށް ލީ މިއަދު ކަމަށެވެ. މިހާތަނަށް އެ ރިސޯޓު...

30 Dec 2020 | 17:26

ދ. އަތޮޅު ނިޔާމަ ރިސޯޓުން ބަޔަކު ޕޮސިޓިވްވެ އެ ރިސޯޓު މޮނިޓަރިންއަށް ލައިފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ އެ ރިސޯޓު މޮނިޓަރިންއަށް ލީ މިއަދު ކަމަށެވެ. މިހާތަނަށް އެ ރިސޯޓުން ހަތް މީހަކު ޕޮސިޓިވްވެފައިވެ އެވެ.

އެއީ ތިން ޓޫރިސްޓުންނާއި ދެ މުވައްޒަފުންނެވެ. ޑރ. ނަޒްލާ ވިދާޅުވީ އޭގެ ތެރެއިން ކޯވިޑްގެ އަލާމާތްތައް ފެންނަން ފެށުމުން ފުރަތަމަ ޓެސްޓު ކުރީ ދެ ޓޫރިސްޓުން ކަމަށާއި ޕޮސިޓިވްވި ދެ މުވައްޒަފުންނަކީ އެ ދެ ޓޫރިސްޓުންނާއި ގުޅުން ހުރި މީހުންގެ ގޮތުގައި ޓެސްޓު ކުރި އިރު ޕޮސިޓިވްވި މީހުން ކަމަށެވެ.

ނިޔާމަ ރިސޯޓުން ބަޔަކު ޕޮސިޓިވްވުމާއި ގުޅިގެން މާދަމާ ދ. އަތޮޅު ހޮސްޕިޓަލުގެ ޓީމެއް ގޮސް އެ ރިސޯޓުން ރެންޑަމް ސާމްޕަލް ނަން ފަށާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. މީގެ އިތުރުން ރެންޑަމް ސާމްޕަލް ނަގައި ވަކި ގޮތެއް އެޗްއީއޯސީން ކަނޑައަޅަން ދެން އެ ރިސޯޓަށް މީހުން އަރައި ފޭބުން މަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހުގެ ކުރީކޮޅު ދ. އަތޮޅު ކަނޑިންމަ ރިސޯޓުގެ ދިވެހި މުވައްޒަފަކު ކޯވިޑް-19 ޖެހިގެން މަރުވެފައި ވެ އެވެ. އެ މައްސަލައިގަ ރިސޯޓު އިއުމާލުވެފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރާތީ މަހެއްހާ ދުވަހަށް އެ ރިސޯޓު ކޯވިޑްގެ ހާލަތުގައި އޮޕަރޭޓް ކުރުމަށް ދޫކޮށްފައިވާ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ހިފެހެއްޓި އެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކުގައި ވާގޮތުން އޮޕަރޭޓް ކުރާ ރިސޯޓުތަކުން މިއަދު 15 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އަދި މިވަގުތު ރިސޯޓުތަކުގައި ޖުމްލަ 68 އެކްޓިވް ކޭސް އެބަ ހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް