ރުގްޔާގެ ނަމުގައި ހަތަރު މައިންނަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ ދެ މީހަކަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މި މައްސަލައިގަ ދައުވާ ކުރަން ފޮނުވީ ރ. ކަނދޮޅުދޫ، މިރިހިމާގެ، އިސްމާއިލް ވަހީދާއި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ، މުހައްމަދު އަސީލްގެ މައްޗަށެވެ. އޭގެތެރެއިން ވަހީދުގެ މައްވަށް ހަތަރު ދައުވާއެއް އަދި އަސީލްގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެ އެވެ.
އިސްމާއިލް ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:
1- މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ
2- މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރުމުގެ ކުށުގެ ދައުވާ
3- ގައިގައި އަތްލުމުގެ ކުށުގެ ދެ ދައުވާ
4- ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖަކާ މެދު އިހުމާލުވުމުގެ ކުށުގެ ދައުވާ
އަލީ އަސީލްގެ މައްޗަށް އުފުލާފައިވާ ދައުވާތައް:
1- ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާ
2- ގައިގައި އަތްލުމުގެ ކުށުގެ ދައުވާ
3- އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ
4- ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
5- ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ
6- ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ
7- ކުޑަކުއްޖެއްގެ ހާޒިރުގައި ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ
މި މައްސަލައިގަ ވަހީދު އާއި އަސީލް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެވެ. ޕީޖީ އޮފީހުން ބުނީ މި ދެމީހުން ރުގްޔާގެ ނަމުގައި ހަތަރު މައިންނަށް ޖިންސީ އަދި ނަފްސާނީ އަނިޔާ ދިނީ މިއަހަރުގެ ޖޫން 22 ން އޮކްޓޯބަރު 30 ގެ ނިޔަލަށް ކަމަށެވެ.
މި މައްސަލަ ފަޅާ އެރީ އެ އަންހެން މީހާ އާއި އެ އާއިލާ މީހަކު މީޑިއާގައި މި ވާހަތައް ކިޔައިދިނުމުންނެވެ.
އެ އަންހެން މީހާގެ ގައިގައި ޖިންނި އެއް އުޅޭކަމަށް ބުނެ ރުގްޔާ ކުރަން ފެށީ ބޮލުގައި ރިއްސާތީ ކަމަށް އެ އަންހެން މީހާ ބުނެފައިވެ އެވެ. އަދި ރުގްޔާ ކުރަން އޭނާ އާއި ތިން ކުދިން ގޭގައި ބަންދުކޮށް އަނިޔާ ކުރުގެ އިތުރުން އެހެން މީހުންނާއި މުއާމަލާތް ނުކުރެވޭ ގޮތަށް ފޯނު އަތުލި ކަމަށް ބުނެފައިވެ އެވެ.
އެގޮތުން އެ އަންހެން މިހާ އާއި އޭނާގެ އުމުރުން ހަތް އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމަށް ބުންޏެވެ. އޭނާ އެކަމުން ސަލާމަތްވީ އެ ރަށުގައި އުޅޭ އާއިލާ މީހަކަށް ގުޅޭގޮތް ވެގެން އޮކްޓޯބަރު 30 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް