ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން ރާއްޖެއިން އެތެރެ ކުރުން މަނާ އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކުގެ ބާވަތްތަކެއް ކަނޑައަޅައިފި އެވެ.
އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް ގެނައި މި އިސްލާހާ އެކު ރާއްޖެ އެތެރެ ކުރުން މަނާ 12 ބާވަތެއްގެ ޕްލާސްޓިކު ހިމެނެ އެވެ. މި ތަކެތި އެތެރެ ކުރުން މަނާކޮށްފައިވަނީ އަންނަ އަހަރުން ފެށިގެން 2023 ވަނަ އަަހަރާއި ދެމެދުގައި އެވެ.
އަންނަ އަހަރު ޖޫން 1 ން ފެށިގެން ރާއްޖެ އެތެރެ ކުރުން މަނާ ޕްލާސްޓިކް:
1- ދިޔާ ތަކެތި ބުއިމަށް ބޭނުން ކުރާ ޕްލާސްޓިކް ހޮޅި
2- ޕްލާސްޓިކު ތަށި، ސައި ސަމްސާ، އޫ، ދިޔާ ތަކެތި ގިރުމަށް ބޭނުން ކުރާ ޕްލާސްޓިކު ދަނޑި
3- ދިޔާ ތަކެތި ބަންދު ކުރާ ސްޓައިރަފޯމް ފޮށި
4- ބާޒާރުގައި ބޭނުން ކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
5- 250 މިލިލީޓަރަށްވުރެ ކުދި އެއް ފަހު ބޭނުން ކުރާ ޕްލާސްޓިކް ތަށި
6- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
7- 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ސައިބޯނި އަދި ޝޭމްޕޫ ފުޅި
8- ރާއްޖެއަށް އިމްޕޯޓު ކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ދިޔާތަކެތި (ފެނާއި ލުއި ބުއިން ހިމެނޭގޮތަށް)
9- ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓު ކުރާ ސުޕާރީ
2022 އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެ ކުރުން މަނާ ޕްލާސްޓިކް:
1- ބާޒާރުގައި ބޭނުން ކުރާ50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު
2- 50 މިލިލީޓަރުން ފެށިގެން200 މިލިލީޓަރާއި ހަމައަށް ހިމެނޭ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
2023 ވަނަ އަހަރުގެޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެ ކުރުން މަނާ ޕްލާސްޓިކް:
1- ރާއްޖެއަށް އިމްޕޯޓު ކުރާ އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ފުޅި
މި މަހުގެ ހަތް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނު ރައީސް ތަސްދީގުކުރެއްވީ މިިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. ރައީސްގެ ގަރާރަކުން މިއަދު ރާއްޖެ އެތެރެ ކުރުން މަނާ ލިސްޓެއް ކަނޑައެޅުއްވީ އެ ގާނޫނުގެ ދަށުން ރާއްޖެ އެތެރެކުރުން މަނާވާ ތަކެތި، ޖެނުއަރީ 1، 2021 ގެ ކުރިން ރައީސް ކަނޑައަޅުއްވަން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް