ދިވެހިރާއްޖެ އިން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި އައު ސަފީރު ޝިރުޒިމަތު ސަމީރު އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދަށް އަރުވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ސަފީރު ކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބަންގްލަދޭޝްގެ ރައީސްގެ ރަސްމީ ގެކޮޅުގައި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްއާއި ރާއްޖެ ގުޅިގެން އެކި ދާއިރާތަކުން މަސައްކަތްކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި ބަންގްލަދޭޝްގެ ރައީސް ވަނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައި އެވެ
މީގެ އިތުރުން ކޯވިޑް-19 އާއި ދެކޮޅަށް ދެ ގައުމުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަންގްލަދޭޝްގެ ސަފީރުކަމުގެ މަގާމަށް ޝިރުޒިމަތު އައްޔަން ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
ޝިރުޒިމަތު އެންމެ ފަހުން އަދާކުރައްވާފައިވަނީ ފޮރިން މިނިސްޓްރީގެ އީސްޓް އެންޑް ސެންޓަރަލް އޭޝިއާ ޑިވިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމެވެ. އަދި އެ ކަމަނާ ވަނީ މީގެ ކުރިން މޯލްޑިވްސް އެމްބަސީ އިން ޖާމަނީގެ މިނިސްޓާ ކައުންސެލާގެ މަގާމު ވެސް ފުރުއްވާފައެވެ.
ޝިރުޒިމަތު ސަމީރު މާސްޓަރސް އޮފް ސޯޝަލް ސައިންސް (ސްޓްރެޓެޖީ އެންޑް ޑިޕްލޮމަސީ) ހާސިލުކުރައްވާފައިވަނީ ނެޝަނަލް ޔުނިވާސިޓީ އޮފް މެލޭޝިއާގެ އިންސްޓިޓިއުޓް އޮފް ޑިޕްލޮމަސީ އެންޑް ފޮރިން ރިލޭޝަންސް އިންނެވެ. އަދި އެ ކަމަނާ ވަނީ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗެލާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ބިޒްނަސް ހާސިލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް