“ރޫޓް” ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންދިޔަ ފައިސާތައް ފޭރެން އުޅުނު މައްސަލައިގަ ފަސް މީހަކަށް ދައުވާ ކޮށްފި އެވެ.
ރޫޓުގެ ފައިސާތައް ފޭރިގެންނަން މަސައްކަތް ކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ25 ވަނަ ދުވަހު އެވެ. މި މައްސަލައިގަ ފަސް މީހަކަށް ދައުވާ އުފުލި ނަމަވެސް ހަތް މީހަކު ހައްޔަރު ކުރި އެވެ.
ދައުވާ އުފުލި މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ކޮށްފައިވަނީ ފޭރުމުގެ ކުށުގެ ދައުވާ އެވެ. އެއީ ލ. ގަން. ތުނޑި، ކީމިޔާގެ، އަބްދުﷲ ރާޝިދުއާއި، ގއ. ވިލިނގިލި، ކަނީރުމާގެ، މުހައްމަދު މުސްޢަބު ޒުބައިރުއާއި، ކ. މާލެ، ދަފްތަރު. ނަންބަރު ރސ 3678، ހުސައިން އަބްދުލްމަޖީދުއާއި، ކ. މާލެ، ވ. ޕިންކްވިލާ، އަހްމަދު އަމީރެވެ.
އަނެއް މީހާގެ މައްޗަށް އުފުލީ ފޭރުމުގައި ބައިވެރިކަމުގެ ދައުވާ އެވެ. އެއީ ރ. ރަސްމާދޫ، އޯކިޑްމާގެ، މުހައްމަދު އަޒްމީނެވެ.
މި އެންމެންނަކީ ކުށޫގެ ރެކޯޑު އޮންނަ މީހުންނެވެ.
އެ ދުވަހު ފޭރެން މަސައްކަތް ކުރި ގޮތް ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަނީ ދެ ސައިކަލެއްގައި ދިޔަ ހެލްމެޓު އަޅައިގެން ތިބި ހަތަރު މީހެކެވެ. އެމީހުން ދަރުތުކޮށްފައިވަނީ ރޫޓް ކުންފުނީގެ ވޭނުގެ ފަހަތުންނެވެ.
ވޭން ސިލޯން ބޭންކަށް މަޑު ކުރިތަނާހެން ހެލްމެޓު އަޅައިގެން ތިބި މީހުން ވަނީ ވޭން ކައިރިއަށް ގޮސް ފައިސާ ފޭރިގަންނަން މަސައްކަތް ކޮށްފަ އެވެ. ފޭރަން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރުމުން ވެސް ނާކާމިޔާބު ވެފަ އެވެ.
ފޭރެން އައި މީހުންގެ ތެރެއިން އެކަކު ފައިސާ އަޅާފައި ހުރި ދަބަސް ޖަހައިގަނެގެން ފިލަން މަސައްކަތް ކޮށްފަ ވެއެވެ. ނަމަވެސް ބޭންކު ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާވަނީ އެ ދަބަސް އަނބުރާ އޭނާގެ އަތުން ހޯދުމަށްފަހު ރޫޓް ކުންފުނީގެ މުވައްޒަފަކާއި ހަވާލުކޮށްފަ އެވެ. އެ ފޭރުން ހުއްޓުވުމަށް ފައިސާ ހިފައިން ދިޔަ ރޫޓް ކުންފުންނީގެ މުވައްޒަފުންވެސް މަސައްކަތް ކުރާތަން ފެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް