އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރާ އާ ސްޓިކާއެއް ތައާރަފުކޮށް އޮންލައިންކޮށް އެ ސްޓިކާ ދޫކުރަން ފަށައިފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ އޮންލައިންކޮށް ސްޓިކާ ދޫކުރާނީ 2021 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ވެހިކަލްތަކުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް ކަމަށެވެ. މީރާއިން ބުނީ އީމެއިލް މެދުވެރިކޮށް ސްޓިކާ ފޮނުވުމުން ފީ ދައްކާ ފަރާތްތަކުން ސްޓިކާ އަމިއްލައަށް ޕްރިންޓު ކުރަން ޖެހޭނެ ކަމަށެވެ.
އެއްގަމު އުޅަނދުގެ އަހަރީ ފީ މީރާގެ އޮފީހަށް ގޮސް ދައްކާ ފަރާތްތަކަށް ވެސް އަންނަ މަހުން ފެށިގެން ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ އަލަށް ތައާރަފްކުރި ސްޓިކާ އެވެ. މީރާ އިން ބުނީ މާދަމާގެ ނިޔަލަށް ދައްކާފައިވާ ވެހިކަލް ފީ އަކާ ގުޅިގެން، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުން ކުރަމުންދާ ސްޓިކާ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ގެންދާނެ ކަމަށެވެ.
އަހަރީ ފީ ސްޓިކާ އަށް މި ގެނައި ބަދަލާ އެކު، ފައިސާ ދައްކާ ފަރާތްތަކަށް ސްޓިކާ ހޯދުން ފަސޭހަވެ، ސްޓިކާގައި ހުންނަ ކިއުއާރު ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްހަކަން ބެލޭނެ ގޮތް ހަމަޖެހިފައިވާތީ، ވެހިކަލް ފީ ދައްކައިފައިވާކަން ކަމާބެހޭ އިދާރާތަކުން ބެލުމުގެ ނިޒާމަށް މިކަމުގެ ސަބަބުން އިތުރު ހަރުދަނާކަމެއް އަންނާނެ ކަމަށް މީރާ އިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް