ތޫނު ހަތިޔާރާއި އެކު މަސްވެރިކަން ކުރަން އުޅުނު "ފަސްކުރި" ނަމަކަށް ކިޔާ ދޯންޏަށް އެރި މައްސަލައިގަ 26 މީހަކަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު މީޑިއާގައި ވިދާޅުވީ އެ މައްސަލައިގަ އެމީހުންގެ މައްޗަށް ދައުވާ ކުރަން ހުށަހެޅީ ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ކަމަށެވެ. ޝަފީއު ވިދާޅުވީ އެ މީހުންގެ މައްޗަށް އުފުލީ ބިރުދެއްކުމުގެ ކުށުގެ ދައުވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެ ގްރޫޕުން ތޫނު ހަތިޔާރާއި އެކު އަރައި އެއްވެސް ހަމަލާއެއް ދިނުމެއް ނެތި ދޯނީގެ ކެޕްޓަނަށް އަންގާފައިވަނީ ލ. ގަމު ފަޅަށް ދޯނި ވެއްދުމަށެވެ.
އެ ދޯންޏަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަނެފައިވާ މަސް ދޯންޏެކެވެ.
އެ ގްރޫޕު އެދޯންޏަށް އެރީ ވެރި ފަރާތުން އަންގައިގެން ކަމަށްވެ އެވެ. ވެރިފަރާތުން އެ ދޯންޏަށް ތޫނު ހަތިޔާރާއި އެކު ބަޔަކު ފޮނުވީ ދޯނީގެ ވެރިފަރާތް ކަމަށްވާ އިދުރީސް ހުސައިންއަށް ޖާބިރުގެ ކުންފުނިން ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ކަމަށްވެ އެވެ.
އިދުރީސް މީޑިއާގައި ބުނެފައިވަނީ މީގެ ދެ އަހަރު ކުރިން ޖާބިރުގެ ކުންފުންޏަށް އެ ދޯނި ވިއްކީ ހަތް މިލިއަން ރުފިޔާއަށް ކަމަށެވެ. އެކަމަކު އެ ކުންފުނިން މިހާތަނަށް އިރުދީސްއަށް ދައްކާފައިވަނީ ހަތް ލައްކަ ރުފިޔާ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގަ ރިޗް ކްލަބް މޯލްޑިވްސް އާއި ދެކޮޅަށް އިދުރީސް ގަމު މެޖިސްޓްރޭޓް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައިއެވެ. އަދި އިއްޔެ ކޯޓުން ވަނީ އެ މައްސަލައިގަ ވަކިގޮތެއް ނިމެންދެން ދޯނި އިދުރީސް އާއި ހަވާލު ކުރުމަށް ވަގުތީ އަމުރެއް ނެރެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް