ބޮލީވުޑްގެ މަޝްހޫރު ބަތަލް ސިދާތް މަލޯތްރާ އާއި ބަތަލާ ކިއަރާ އަދްވާނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީން ވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
މިއަހަރު ފެށުނީންސުރެ މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ފެތުރެން ފެށި ނަމަވެސް ދެމީހުންވެސް ގުޅުން އޮންނަ ކަމަށް މީޑިއާގައި އެއްބަސްވެފައިއެއް ނުވެ އެވެ. މިހާތަނަށް ދެމީހުން އެކުގައި ފިލްމެއް ކުޅެފައި ނުވާއިރު ބައެއް ޕާޓީތަކާއި މަގުމަތިން ދެމީހުން އެކުގައި ފެންނާތީ ގިނަ ބަޔަކު ދަނީ އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނެފައި އެވެ.
މިއަހަރު ކުރީ ކޮޅު "ކޮފީ ވިތް ކަރަން" ގައި ވާހަކަ ދައްކަމުން ސިދާތް ވަނީ އޭނާ އާއި އެންމެ ގުޅެނީ ކިއަރާ ކަމަށް ބުނެ ދެ މީހުން އެކުގައި ފިލްމެއް ކުޅުމަކީ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަސް ކަމަށް ބުނެފައި އެވެ. އެކަމަކު އެ ޝޯގައި ސުވާލު ކުރުމުންވެސް އޭނާ ވަނީ ދެމީހުންގެ ގުޅުމަށް އިންކާރު ކޮށްފައި އެވެ.
އެކުގައި ދެމީހުން ފިލްމެއް ކުޅެފައި ނުވުމަކީ ދެ މީހުން އެކުގައި ދަތުރު ކުރާތަން ނުފެންނާނެ ސަބަބެކެވެ. އެކަމަކު އިއްޔެ ފުރަތަމަ ފަހަރަށް ދެ މީހުން އެކުގައި އާ އަހަރުގެ ޗުއްޓީއަށް ފުރަން އެއާޕޯޓަށް ގޮސް ތިއްބަ ޕަޕަރާޒީންނަށް ވަނީ ފެނިފައި އެވެ.
މިއީ ދެ ތަރިން އެކުގައި އެއާޕޯޓުން ފެނުނު ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ދެ މީހުން ވަކިން އާ އަހަރު ފާހަގަ ކުރަން ދާނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީކަމަށް އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ވަނީ ޔަގީން ކޮށްފައި އެވެ.
ސިދާތާއި ކިއަރާ ޗުއްޓީ ހޭދަކުރަން ދިޔައީ ކޮން ތަނަކަށް ކަމެއް އަދި ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް