ރާއްޖެ އުފެދިފައިވާ ގޮތާއި ތައުލީމާއި ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާ ކުރަން ބޭނުންވާ ހުރިހާ ޒުވާނުންހެން މާލޭގައި ދިރިއުޅެނީ އެއަށްވުރެ މޮޅު ނުވަތަ ރަނގަޅު ގޮތެއް އަތޮޅު ތެރޭގައި ނެތީމައެވެ.
މިގޮތަށް ދިރިއުޅޭ ޒުވާނުންނާއި މަތީ ތައުލީމަށް ކިޔަވާ ދަރިވަރުން މާލެ ސަރަހައްދުގައި ދިރިއުޅޭނެ އިންތިޒާމް ހަމަޖެއްސުމަކީ ގިނަ ފައިސާ ތަކެއް ހޭދަކުރަން ޖެހުނު ނަމަވެސް އެ ވިޔަފާރީގައި އުޅޭ މީހުންނަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމެކެވެ. މާލޭގައި އަތޮޅު ތެރެއިން އަންނަ ކުދިން ބައިތިއްބާ ބައެއް ގޭގޭގައި ދައްކަންޖެހޭ ފީ އާއި އެއްވަރުގެ ހިދުމަތް ނުލިބޭ މައްސަލައަކީ އާންމުކޮށް މިހާރު ކުރާ ޝަކުވާއެކެވެ.
މިފަދަ ކޮންމެ މައްސަލައަކަށް ރާއްޖެ ފަދަ ގައުމެއްގައި ހައްލު ލިބޭނީ ސަރުކާރުގެ ތެރެއިން އެކަމަށް އެހީތެރިކަން ފޯރުކޮށްދީގެންނެވެ. ޒުވާނުންގެ މުސްތަގުބަލާއި ގުޅިފައިވާ މި މައްސަލަ ހައްލުކޮށްދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ނުކުތީ ދިރާސާތަކެއް ކުރުމަށް ފަހު މިއީ ރައްޔިތުންނަށް މިހާރު ވަރަށް ބޭނުން ޖެހިފައިވާ ކަމެއްގެ ގޮތުގައި ދެކިގެންނެވެ.
އެޗްޑީސީން މި މަހު ތައާރަފު ކުރި "ކޯ ލިވިން" ހައުސިން ޕްރޮޖެކްޓަކީ ރާއްޖޭގެ މާހައުލާއި މިއަދުގެ ޒުވާނުންނަށް ވަރަށް ބޭނުން މުހިންމު މަޝްރޫއެކެވެ. މިއީ ދިވެހިންނަށް ހާއްސަ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 14 ބުރީގެ އިމާރާތެއް އަޅައި ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް އެޗްޑީސީން ވަނީ އިއުލާނުކޮށްފައި އެވެ. މި އިމާރާތުގައި ޝެއާކޮށްގެން ނުވަތަ އެހެން މީހުންނާއި އެކު ދިރިއުޅެވޭ ކޮޓަރިތަކާއި ވަކިން އުޅެވޭނެ ކުދި އެޕާޓްމަންޓުތަކުގެ އިތުރުން ދުވަހު ކުއްޔަށް ދޭ ކޮޓަރި ހުންނާނެ އެވެ.
މި އިމާރާތުގެ ފުރަތަމަ ދެ ފަނގިފިލާއަކީ ވިޔަފާރިއަށް ހާއްސަ ދެ ފަންގިފިލާއެވެ.
އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބުމަކީ ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. އިމަރާތް ފަރުމާކޮށްފައިވަނީ ފިހާރަތަކާއި، އައުޓްޑޯ ޖިމް، ބާބަކިއު ހަދާ ސަރަހައްދެއްގެ އިތުރުން ކޮންމެ ފަންގިފިލާއެއްގައި އެންމެންނަށް ބޭނުން ކުރެވޭ ބަދިގެއެއް ހިމެނޭ ގޮތަށެވެ.
އަދި އެ އިމާރާތުގައި ދިރިއުޅޭ ކޮންމެ މީހަކަށް ސައިކަލު ޕާކު ކުރާނެ ޕާކިން ޕްލޮޓެއް ހެދުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން އެތަނަށް ޒިޔާރާތް ކުރާ މީހުންނަށް ވަކިން ޕާކިން ޒޯނެއް ހަދަ އެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ނައުފަލް ވިދާޅުވީ މި ކޮންސެޕްޓާއި ގުޅޭ ދިރާސާތައް ރާއްޖޭގެ ޒުވާނުންގެ މެދުގައި ހަދާ، ރާއްޖެއިން ބޭރުގައި މި ހިދުމަތް ފޯރުކޮށްދޭ ބައެއް ކުންފުނިތަކުން މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ އިމާރާތަކުން ލިބެން ޖެހޭ ހިދުމަތްތަކާއި ކުއްޔަށް ދޭނެ އަގުތައް ކަނޑައެޅީ އެ ދިރާސާތަކަށް ބެލުމަށް ފަހު ކަމަށެވެ.
ހުޅުމާލޭގައި އިމާރާތް ކުރާ "ކޯ ލިވިން" ހައުސިން ޕްރޮޖެކްޓުގައި ހަދާ ޝެއާ ކޮށްގެން ނުވަތަ އެހެން މީހުންނާއި އެކު ދިރިއުޅޭ އެޕާޓްމެންޓުތައް ކުއްޔަށް ދެނީ މީހަކަށް 3500 ރުފިޔާ އަށެވެ. ވަކިން އުޅެން ބޭނުންވާ މީހުން މަހަކު 6000 ރުފިޔާ ދައްކަން ޖެހެ އެވެ.
މި އަގުތަކަށް ބަދަލު ނުގެނުވު ނަމަވެސް އެ އިމާރާތުން ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރި ނުވަތަ އެޕާޓްމެންޓުތައް ކުއްޔަށް ދޫކުރާނެ އަގެއް ކަނޑައެޅުމުގެ އިހްތިޔާރު މި ބިޑު ކާމިޔާބު ކުރާ ފަރާތަށް އެޗްޑީސީން ދެ އެވެ.
މިގޮތަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ޒުވާނުންގެ މެދުގައި އެޗްޑީސީން ކުރި ދިރާސާގައި ނަތީޖާ ދައްކާގޮތުން ކިޔެވުމުގެ ހަރަދު ކަނޑައި ކޮންމެ މަހަކު މާލޭގައި ހުރުމުގެ ފީގެ ގޮތުގައި 5000 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 56 ޕަސެންޓު މީހުން ވަނީ އެޗްޑީސީގެ ކޯ ލިވިން ޕްރޮޖެކްޓަކީ ރާއްޖެއަށް މިވަގުތު ވަރަށް ބޭނުންތެރި މަޝްރޫއެއް ކަމަށް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް