އެމްއާރްއެމް އަކީ ވަކި ބަޔަކާ ދެކޮޅަށް މަސައްކަތްކުރާ ޕާޓީއެއް ނޫން ކަމަށް ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް) އަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ވަރޗުއަލްކޮށް ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ އެޕާޓީން އަބަދުވެސް ބަލާނީ ގައުމުގެ އެންމެންގެ ފައިދާއަށް ކަމަށެވެ. އަދި ފައިދާހުރި ގޮތްތައް ހޯދައިދެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
އެމްއާރްއެމްގެ އެންމެ މުހިންމު އަސާސަކީ ހުރިހައި ކަމަކަށް ވެސް ގައުމީ ނަޒަރަކުން ބެލުމުގެ އާދަ އަށަގެންނެވުން ކަމަށާއި އެޕާޓީއަކީ ވަކި ބައެއްގެ ފައިދާއަށް މަސައްކަތްކުރާ ޕާޓީއެއް ނޫން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
އެމްއާރްއެމްގެ ފުރަތަމަ އެއްއަހަރު ކާމިޔާބުކަމާއެކު ފާއިތު ކުރެވުނީ މެމްބްރުންގެ ހިތްވަރާއި ކުރެއްވި ޚިދުމަތުގެ ސަބަބުން ކަމަށް ރޭ ބޭއްވި ޖަލްސާ ގައި އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.
ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވުމުގައި އެމްއާރުއެމްގެ މެމްބަރުންގެ ފަރާޕްޕުޅުން ޤައުމަށް ލިބިގެންދާ ޚިދުމަތާއި، ކޮށްދެއްވަމުންދާ އިޚުލާސްތެރި ޚިދުމަތަކީ މިއަދު ދިވެހި ރައްޔިތުން ބަލައި ގަންނަ ޚިދުމަތްތަކެއް ކަމަށް ވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް