އެކައުންޓިންގ ދާއިރާގެ ޤާނޫނެއް ވުޖޫދު ކުރެވިފައި އޮތުމަކީ އެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަައްމަދު ސާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަމުން ނެވެ.
މިހާރު ސާރުކާރުން ފޯރުކޮށްދޭ މަތީ ތަޢުލީމުގެ އެކިއެކި ޕްރޮގްރާމުތަކުގެ ތެރެއިން އެކައުންޓިންގ ދާއިރާއިން ތަޢުލީމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކައުންޓިންގ ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ވެސް ދިވެހިންނަށް އިސްކަންދިނުމަށް އެދިވަޑައިގަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސްގެ ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި އެ އިންސްޓިޓިއުޓް އުފެދުމަށްފަހު ރާއްޖޭގެ އެކައުންޓިންގ ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި އެ މަސައްކަތުގައި ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. އަދި، ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނާއެކު މި ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފަސޭހައާއި ކުރިއެރުން ލިބިފައިވާ ކަން އެ ބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެންބަރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރާއި، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް