ފެނަކަ ކޯޕަރޭޝަންގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ކުންފުންޏަށް ފައިދާ ވެއއްޖެ އެވެ.
މިދިޔަ އަހަރުގެ އެ ކުންފުނީގެ އޯޑިޓް ރިޕޯޓުގައި ބުނެފައިވާގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 35.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ފެނަކަ އުފެދުނީންސުރެ މިދިޔަ އަހަރާއި ހަމައަށް އެކުންޏަށް ގެއްލުން ލިބެމުންދާއިރު 2018 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ 143 މިލިއަން ރުފިޔާގެ ގެއްލުން ވެފައި އެވެ.
ފުރަތަމަ ފަހަރަށް ލިބުނު ކާމިޔާބާއި ގުޅިގެން ފެނަކައިން ނެރުނު ބަޔާނުގައި ބުނީ މި ކާމިޔާބިއަކީ އެ ކުންފުނީގައި މަސައްކަތްކުރާ ތަޖުރިބާކާރު މުވައްޒަފުންގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ކުންފުނި ހިންގުމަށް ގެނައި ބަދަލުތަކުގެ ސަބަބުން ލިބުނު ކާމިޔަބީއެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސަރުކާރު ހިއްސާވާ ކުންފުންޏަކުން ދައްކުވައިދިން އެންމެ ބޮޑު ތަފާތު ބޮޑު ބަދަލު ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ނަތީޖާއިން އެނގިގެން ދަނީ ވައްކަމާއި ފަސާދަ އާއި ކޮރަޕްޝަނާއި އިސްރާފުން ކުންފުނި ސަލާމަތްކޮށް މިހާރު ކުންފުނީގައި ނަޒާހަތްތެރިކަން އޮތް މިންވަރު ކަމަށް ފެނަކައިގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިއީ ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުންޏާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް މަސައްކަތްކުރާ މީހުންނަށް ލިބުނު ރަނގަޅު ޖަވާބެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ކުންފުނީގެ ބަޔާނުގައި ބުނީ 2012 ވަނަ އަހަރު ކުންފުނި އުފެދުނީންސުރެ 2018 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ އޮތީ މާލީ ގޮތުންނާއި އުމްރާނީ ގޮތުންނާއި ހިންގުމުގެ ގޮތުން އަދި އިޖްތިމާއީ ގޮތުން ލަދުވެތި ހާލަތެއްގައި ކަމަށެވެ. ފެނަކައިން ވަނީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު، ދެގޮތެއްނުވެ ދެމިތިބޭނެ ކަމުގެ ޔަގީންކަން ދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް