ލަންކާ ޖަލެއްގައި ހިންގި ހަމަނުޖެހުންތަކެއްގައި ހަ މީހުން މަރުވެއްޖެ

ސްރީލަންކާގެ އެންމެ ބޮޑު ޖަލު މަހަރާ ޖަލުގައި ހިންގި ހަމަނުޖެހުންތަކެއްގައި ހަ ގައިދީއަކު މަރުވެ ޒަހަމްވި މީހުންގެ އަދަދު 35 އަށް އަރައިފި އެވެ. ލަންކާ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެ...

30 Nov 2020 | 06:23

ސްރީލަންކާގެ އެންމެ ބޮޑު ޖަލު މަހަރާ ޖަލުގައި ހިންގި ހަމަނުޖެހުންތަކެއްގައި ހަ ގައިދީއަކު މަރުވެ ޒަހަމްވި މީހުންގެ އަދަދު 35 އަށް އަރައިފި އެވެ.

ލަންކާ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެ ޖަލުގައި ހަމަނުޖެހުން ހިންގަން ފެށީ އިއްޔެ ހަވީރު އެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށް ބަޑި ޖަހާފައިވެ އެވެ. އަދި ޖަލު ތެރޭގައި ހަމަނުޖެހުން ކޮންޓްރޯލް ކުރަމުން ދަނިކޮށް އަލިފާން ރޯވެފައިވެ އެވެ.

އެ ހަމަނުޖެހުންތަކުގައި ޒަހަމްވި މީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ޒަހަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބަލަހައްޓާ ދެ އޮފިސަރުން ހިމެނެ އެވެ.

އެ ޖަލުގައި ގައިދީން ހަމަނުޖެހުން ހިންގަން ފެށީ ޖަލުގައި ކޯވިޑް-19 ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާކަމަށް ބުނެ އެވެ. އަދި ޖަލުގައި ކޯވިޑް ފެތުރެމުން ދާއިރުވެސް އެއްވެސް ގައިދީއަކު ކަފާލާތުގެ ދަށުން މިނިވަން ކުރަން ސަރުކާރުން ބޭނުން ނުވާތީ އެވެ.

ލަންކާގެ ޕްރިޒަންސް ޑިޕާޓްމެންޓުން ބުނީ އިއްޔެގެ ނިޔަލަށް އެގައުމުގެ ޖަލުތަކުން 1،091 މީހަކަށް ކޯވިޑު ޖެހިފައި ވާ އެވެ. އޭގެ ތެރެއިން އިއްޔެ ޕޮޒިޓިވްވި 183 މީހުންނަކީ މަހާރާ ޖަލުގެ ގައިދީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް