އިއްޔެ ޒުވާނެއްގެ ފުރާނަ ގެއްލިގެން ދިޔައީ އަމިއްލައަށް ކޮންޓްރޯލް ނުވާ މިންވަރަށް ބަޔަކު ސައިކަލް ސްޕީޑް ބާރުކޮށް ދުއްވުމުންނެވެ. ނަލަހެދިގެން ސައިކަލުގައި ނިކުތް 24 އަހަރުގެ ޒުވާނާއަށް އަނބުރާ ގެއަށް ނުވަދެވޭނެކަން އޭނާ ހިތަށް ވެސް ނުގެންނާނެ އެވެ. 27 ވަނަ ދުވަހުގެ ރޭ 22:00 ކަންހާއިރު ބާރު ސްޕީޑްގައި މާލޭ އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ބޮޑުތަކުރުފާނު މަގަށް ނިކުތް ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ދުވާ ޓްރެކް މައްޗަށް އަރައި 24 އަހަރުގެ އެ ޒުވާނާ ދުއްވަން އިން ސައިކަލްގައި ޖެހި ވީ އެކްސިޑެންޓުގައެވެ. ކޮންޓްރޯލްނުވި ސައިކަލެއްގައި ޖެހި އޭނާގެ ހަޔާތް ނިމިގެންދާނެކަމާމެދު ފިކުރު ވެސް ނުކޮށްލާނެ އެވެ.
އެ ރޭ 24 އަހަރުގެ ޒުވާނަކު އެ ސައިކަލް ދުއްވާފައިވަނީ ބާރު ސްޕީޑްގައި ކަމަށްވެ އެވެ. ކޮންޓްރޯލް ނުކުރެވި ސައިކަލްގައި ދިޔަ ޒުވާނާ ދުއްވަން އިން ސައިކަލްގައި ޖެހި ވީ ޒަޙަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ އެވެ. އާއިލާއަށް ފޫނުބެއްދޭނެ ވަރުގެ ބޮޑު ހިތާމައެކެވެ. ގެއްލިގެން ދިޔައީ ޒުވާނެކެވެ. އަނެއްކޮޅުން އިހަށް ދުވަހު ލ.ގަމު ގައި ހިނގި އެކްސިޑެއްޓެއްގައި ޒުވާނެއްގެ ފުރާނަވެސް ދިޔައީ އެވެ.
އަނެއް ކޮޅުން އަޑޫގައި ހިނގި އެކްސިޑެއްޓެއްގައި ތުއްތު ކުއްޖެއްގެ ހާލު ސީރިއަސް ހާލަތުގައެވެ. މި މައްސަލަތަކުގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު، އެ ހާދިސާ އެ ތުއްތު ކުއްޖާގެ މުސްތަގުބަލަށް އަބަދުމެ ހުރަސްއަޅާނެ އެވެ. މިފަދަ އެކްސިޑެންޓްތަކުގައި އިހުމާލުވި ކަމުގެ ކުށުގައި މިހާރު ވެސް ޖަލުގައި ޒުވާނުން ދުވަސްތައް ގުނަމުން އެބަދެ އެވެ. ކޯޓުތަކުގައި މައްސަލަތައް ދަނީ ކުރިއަށެވެ. އެހެންވީއިރު ހިތާމަ އޮތީ ހަމައެކަނި ވަކިވެގެންދާ މީހާގެ އާއިލާއަށް އެކަންޏެއް ނޫނެވެ.
މިފަދަ އެތައް ހާދިސާއެއް ވަނީ ހިނގާފަ އެވެ. ދަނީ ހިނގަމުންނެވެ. މި ހުރިހާ ހާދިސާތަކުގެ ފަހަތުގައި ވެސް ވަނީ އެއް ކަމެކެވެ. އިންތިހާއަށް ބާރު ސްޕީޑުގައި ދުއްވުމެވެ. ސްޕީޑް ބާރު ކުރަމުންދާއިރު އެ ކޮންޓްރޯލްވާނެ ކަމަށް ހީކުރުވުނު ނަމަވެސް ކުރިއަށް ދިމާވާން އޮތީ ކޮން ކަމެއް ނޭނގޭނެ އެވެ. ކުއްލިއަކަށް ކުރިމައްޗަށް ނުކުންނަ މީހަކުން ނުވަތަ އެއްޗަކުން ކޮންޓްރޯލް ގެއްލި ގިނަ ފަހަރަށް ނުރައްކާތެރި އެކްސިޑެންޓް ހިނގަނީ އެވެ.
މާލޭ ސަރަހައްދަކީ މީހުން މަރުވާފަދަ އެކްސިޑެންޓް މީގެކުރިން މަދު ސަރަހައްދެއް ނަމަވެސް ފަހަކައް އައިސް ނުރައްކާތެރި މިފަދަ ހާދިސާތައް ދަނީ އިތުރު ވަމުންނެވެ. މީގެ އިތުރުނހުޅުމާލޭއާއި ލާމު ލިންކް ރޯޑުގައާއި އަށްޑޫ ލިންކް ރޯޑުގައި މިފަހުން ނުރައްކާތެރި ގިނަ އެކްސިޑެންޓްތައް ހިނގާފައިވުމަކީ މިކަމާމެދު ވިސްނަންޖެހިފައިވާ ކަމެވެ. މިއީ އަވަސް ހައްލެއް މިކަމަށް ހޯދަން ޖެހޭ ކަމެކެވެ.
ޓްރެފިކް ފުލުހުން މަދުވުމާއި މަގުތައް އަނދިރުވުމަކީ ހަގީގަތުގައި ބަހަނާއެއް ނޫނެވެ. ބަހަނާއަކީ ސްޕީޑް ބާރުވުމެވެ. އެއީ ސައިކަލް ނުވަތަ ކާރު ދުއްވާ ކޮންމެ މީހެއްގެ ވެސް އަތް މަތީ އޮންނަ އެމީހުންގެ ޒިންމާގެ ދަށުގައި އޮންނަ ކަމެވެ. އެމީހަކަށް ކޮންޓްރޯލް ނުވާ މިންވަރަށް ސްޕީޑް ބާރު ނުކުރުމަކީ އޮތް އެންމެ ބޮޑު ހައްލެވެ. ތިމާގެ ފުރާނައަށް އިހްތިރާމް ނުކުރި ނަމަވެސް މަގުގައި އުޅޭ އެހެން މީހުންގެ ފުރާނައަށާއި އެމީހުންގެ އާއިލާތަކާމެދު ވިސްނާލައިގެން ދުއްވުމަކީ އޮތް ހައްލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް