ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާއާއި ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށްފިއެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބާސާ މޮޅުވީ 0-4 ގެ ނަތީޖާއަކުންނެވެ.
ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބްރައިތްވެއިޓްއެވެ. މި ހާފުގައި ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ފޯވާޑް އެންޓޮއިން ގްރީޒްމަންއެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ބާސާއިން ނިންމާލިއިރު، ބާސާގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ތަރި ފިލިޕް ކުޓީނިއޯއެވެ. ބާސާގެ ހަތަރުވަނަ ލަނޑަކީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުން މޮޅުވެ ޖުމަލް 9 މެޗުން 15 ޕޮއިންޓް ހޯދައިގެން ބާސާވަނީ ލަލީގާގެ ޕޮއިންޓް ތާވަލުގެ ގަދަ 10 އިން ފުރުސަތު ހޯދާފައެވެ. 12 ވަނައިގައި އޮތުމަށްފަހު މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިހާރު އޮތީ ތާވަލްގެ 8 ވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް