އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އިން ރަނގަޅުވެއްޖެއެވެ.
ރިނާލްޑޯ ކޮވިޑް-19 އިން ރަނގަޅު ވިކަން އޭނާގެ ކުލަބުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ޔުވެންޓަސް އިން މިރޭ ބުނީ ކޮވިޑުން ރަނގަޅުވެފައިވޭތޯ ބެލުމަށް ރޮނާލްޑޯ މިއަދު ޓެސްޓެއް ހަދާފައިވާ ކަމަށާއި އެ ޓެސްޓުގެ ނަތީޖާ ބައްޔަށް ނެގެޓިވް ކަމަށް ދައްކާފައިވާ ކަމަށެވެ. އެހެންކަމުން ހޯމް އައިސޮލޭޝަނުގައި އިތުރަށް އޭނާ ހުންނަން ނުޖެހޭނެ ކަމަށް ޔުވެންޓަސް އިން ބުނެއެވެ.
ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ރޮނާލްޑޯ ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން ފެނިފައެއް ނުވެއެވެ.
ރޮނާލްޑޯ ކޮވިޑުން ރަނގަޅުވެފައިވާއިރު، އިޓާލިއަން ލީގުގައި މި ހަފްތާގައި ޔުވެންޓަސް އިން ކުޅޭ މެޗުގައި އޭނާ ފެނުމުގެ ފުރުސަތު އެބައޮތެވެ.
ކޮވިޑަށް ޕޮޒިޓިވް ވުމުން ގިނަ މެޗުތަކެއް ރޮނާލްޑޯ އަށް ގެއްލުނު އިރު، މިދިޔަ ހަފްތާގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސްޕެއިންގެ ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސް އިން ކުޅުނު މެޗުގައި ވެސް ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. ރިނާލްޑޯ އާއި ނުލާ ކުޅުނު މި މެޗުން ޔުވެންޓަސް ވަނީ ބަލިވެފައެވެ. މި މެޗުން ޔުވެންޓަސް ބަލިވީ 2-0 އިން ނެވެ.
ލީގުގައި މިހާތަނަށް ޔުވެންޓަސް އިން ފަސް މެޗު ކުޅެފައިވާއިރު، އޭގެތެރެއިން ހަތަރު މެޗު ކުޅެފައިވަނީ ރޮނާލްޑޯ އާއި ނުލައެވެ. އެ ހަތަރު މެޗުގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.
ޔުވެންޓަސް މިވަގުތު އޮތީ 9 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް