މައްޔިތާގެ މޫނުބެލުމަކީ އޮންނަ ކަމެކެވެ. އިތުރު އެކަލޭގެފާނުން އަވަހާރަވެ ވަޑައިގަތުމުން މުސްލިމުން އެކަލޭގެފާނުންގެ މޫނު ބެލުމަށްޓަކައި އެކަލޭގެފާނުންގެ ގާތަށް ވަދެ، އެއްމެ ފަހު ފަހަރަށް އެކަލޭގެފާނު ދެކިލައި ބައްދަލު ކުރިއެވެ.
ނަބިއްޔާ صلى الله عليه وسلم ގެ ބައެއް އަޞްޙާބު ބޭކަލުންގެ މޫނު ފުޅު، ހިނެވުމަށްފަހު ކަޝްފު ކުރެއްވިކަން ސުންނަތުން ޘާބިތުވެ އެވެ.
އެގޮތުން عثمان بن مظعون-رضي الله عنه- އަވަހާރަފުޅުވިހިނދު ޞަޙާބީގެ މޫނުފުޅު ކަޝްފު ކުރައްވާ މޫނުފުޅަށް ބޮސް ދެއްވިކަން ޘާބިތުވެގެންވެ އެވެ.
ހަމައެފަދައިން ރަސޫލާ ﷺ އަވަހާރަފުޅުވިހިދނު، ޞަޙާބީ أبو بكر -رضي الله عنه- ރަސޫލާގެ އަރިއަހަށް ވެދެވަޑައިގެން މިފަދައިން ކަންތައް ކުރެއްވިކަން ޘާބިތުވެގެންވެ އެވެ.
އަދި ހަމައެފަދައިން، ކޮންމެ ޞަޙާބީ ބޭކަލަކަށް މިފަދައިން ކޮންމެހެން ކުރަންޖެހޭކަމެއްގެ ގޮތުގައި ޘާބިތުވެގެންނުވެ އެވެ.
ވުމާއެކު، މި ޢަމަލަކީ ކުރުން ހުއްދަވެގެންވާ ކަމެއް ކަމުގައި ވެ އެވެ.
އެހެނަސް މިކަން ޢިއުލާނުކޮށް، މީހުން އެއްތަނަކަށް ޖަމަޢަކޮށްގެން ކުރަންއޮތް ކަމެއް ނޫނެވެ. މިޘާލަކަށް "މޫނު ދައްކަން ބާއްވާފައި ބޭއްވުން" "މޫނު ބަލަން ބަޔަކު އަންނަންދެން ބޭއްވުން" މިފަދަ ޢަމަލު ތަކަކީ ޘާބިތު ޢަމަލުތަކެއް ނޫނެވެ.
ހަމައެފަދައިން މޫނު ދެއްކުމަށްޓަކައި މައްޔިތާގެ ޖަނާޒާ ފަސްކުރުންވެސް އެދެވިގެން ނުވެ އެވެ.
އެހެނަސް ޙާޖަތެއް ނުވަތަ މަޞްލަޙަތެއް އޮވެގެން މައްޔިތާއަށް ގެއްލުމެއް ނުވާ ހިނދެއްގައި ލަސްކުރުން ހުއްދަވީނަމަވެސް، މައްޔިތާއަށް މަންފާ ކުރާނީ ޖަނާޒާ އަވަސް ކުރުމުންނެވެ.
ފަހެ، މިފަދައިން މޫނު ބެލުން ހުއްދަވާނީ ދުނިޔެމަތީގަވެސް ބެލުން ހުއްދަ މީހުންނަށެވެ. އެއީ ދިރިހުރި ޙާލުގައި އިންސާނާގެ ހަށިގަނޑު ޙުރުމަތްތެރިވެގެންވާ ފަދައިން އެ ޙުރުމަތް މަރުވުމަށް ފަހުގައިވެސް ލިބިގެންވާތީ އެވެ. އެޙުރުމަށްތެރިކަން ދޭން ޖެހޭނެ އެވެ.
ވުމާއެކު، ހިލޭ ފިރިހެނަކަށް ހިލޭ އަންހެނެއްގެ، މައްޔިތެއްގެ މޫނު ބެލުމެއް ނުވެ އެވެ. އަންހެނެއްގެ މޫނު ބެލުން ހުއްދަވެގެންވާނީ ގާތް ތިމާގެ މީހުންގެ ގެތެރެއިން މަޙްރަމުންނާއި އަދި އަންހެނުންނަށެވެ.
އެހެންވުމުން މި ޒަމާނުގައި ފާޅުކުރާ ޝިޢާރުތައް ކަމުގައިވާ "ދަޥްލަތަށް ޚިދުމަތްކުރި" "މުޖުތަމަޢުއަށް ފައިދާ ހޯދައިދިން" މިފަދަ ބަސްތައް ބުނެ، އެ މައްޔިތާގެ މޫނު ކަޝްފުކޮށް ހިލޭ ފިރިހެނުންނާއި ހިލޭ އަންހެނުން ވަދެ، ޢަމަލު ކުރާ މި ސިފަތަކަކީ ހުއްދަވެގެންވާނެ ޢަމަލުތަކެއް ނޫނެވެ
ވީމައި ގާތް ތިމާގެ ނުވަތަ އަވަށްޓެރިންނާއި ރަހުމަތްތެރީން ނިޔާވުމުން އެމީހުންގެ މޫނު ބެލުމަށް ދިޔުމަކީ އޮތް ކަމެކެވެ. ނަމަވެސް ހިލޭ ފިރިހެނުންނާއި ހިލޭ އަންހެނުން އެއްބަޔަކު އަނެއް ބައެއްގެ މޫނުބެލުމަކީ އޮތްކަމެއް ނޫނެވެ. ޚާއްސަކޮށް އަންހެނުންގެ މޫނުބެލުމަށް ފިރިހެނުން ދިޔުމަކީ ރަނގަޅުކަމެއް ނޫނެވެ. އަދިކިޔެއް ޖަނާޒާގައި ބައިވެރިވެ މައްޔިތާގެ މައްޗަށް ކަށުނަމާދު ކޮށް ދުޢާ ކުރުމުން އެ ނިމުނީއެވެ.
والله أعلم وصلى الله على محمد وآله وسلم
މިލިޔުމަށް މަޢުލޫމާތް ނަގާފައިވަނީ ޝައިޚް އާދަމް ޝަމީމް.ކޮމްއިން ނާއި ޙަޔާތްނާ މަޢަލް އަޖްމަލްއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް