ބޯޑަރު ހުޅުވި ފަހުން މިމަހު 18 ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

ބޯޑަރު ހުޅުވި ފަހުން މި މަހު އަށާރަ ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ބުނީ މި މަހުގެ މިހާތަނަށް 18601 ފަތުރުވެރިންނަށް ވުރެ ގިނަ...

30 Oct 2020 | 10:41

ބޯޑަރު ހުޅުވި ފަހުން މި މަހު އަށާރަ ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މި މަހުގެ މިހާތަނަށް 18601 ފަތުރުވެރިންނަށް ވުރެ ގިނައިން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިއީ ފާއިތުވި ދެ މަހު ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދަށް ވުރެ ބޮޑު އަދަދެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުން މިމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އައިސްފައިވަނީ 37468 ފަތުރުވެރިން ނެވެ.

ބޯޑަރު ހުޅުވާލި ޖުލައިމަހު 1752 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު، އޮގަސްޓުމަހު ރާއްޖެއަށް އައިސްފައިވަނީ 7628 ފަތުރުވެރިން ނެވެ. އަދި ސެޕްޓެމްބަރުމަހު އައިސްފައިވަނީ 9538 ފަތުރުވެރިން ނެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައީ ރަޝިޔާ އިން ނެވެ. އެގައުމުން ވަނީ 7507 ފަތުރުވެރިން ރާއްޖެ އައިސްފަ އެވެ. އަދި ޔޫއޭއީ، އެމެރިކާ، ޔޫކޭ، ސްޕެއިން، ޖަރުމަނުވިލާތް، ފްރާންސް، ބްރެޒިލް، ޔޫކްރެއިން އަދި މިސްރުން ވެސް ރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުވަމުން އަންނައިރު، ކޯވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ވެސް މިދިޔަ މާރޗު މަހުގެ 17 ވަނަ ދުވަހު ބަންދުކުރުމަށްފަހު، މި މަހުގެ 15 ވަނަ ދުވަހު ވަނީ އަލުން ހުޅުވާފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓު ހައުސްތައް ހުޅުވާއިރު، އެރަށްތަކުގައި ދިރިއުޅޭ މީހުން މާސްކު އަޅަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް