މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޯވިޑް-19 އަށް ޢާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ތަފާތު ވީޑިއޯ ސްޕޮޓްތައް ތައްޔާރު ކުރަމުންނެވެ.
އެޗްޕީއޭއިން އާންމު ކުރަމުންދާ ހޭލުންތެރިކުރުވުމުގެ ވީޑިއޯ ސްޕޮޓްތަކުން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ މަރިޔަނބު ފެނިގެންދާ ނުވަތަ މަރިޔަނބު ކުޅެފައިވާ ސްޕޮޓްތަކަށެވެ. މަރިޔަނބުގެ ކެރެކްޓާ ފެނިގެންދާ "އަތްދޮންނަން ހަނދާން ކޮށްދޭ" ސްޕޮޓަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓި އަދި ގިނަ ބަޔަކު ޝެއާ ކޮށްފައިވާ ސްޕޮޓެކެވެ.
އެޗްޕީއޭ އިން މިފަހަރު އާންމުކޮށްފައިވަނީ އަނެއްކާވެސް މަރިޔަނބުގެ ކެރެކްޓާ ފެނިގެންދާ ތަފާތު ސްޕޮޓެކެވެ. އެކަމަކު މި ފަހަރުގެ ސްޕޮޓުގައި މަރިޔަނބު ދައްކަނީ ތަޅާ ވާހަކަ އެއް ނޫނެވެ. އަދި ތެޅުމުގެ ހިޔާލެއް ފިކުރެއްވެސް މި ސްޕޮޓުގައި ނުގެންގުޅެ އެވެ.
މިފަހަރުގެ ސްޕޮޓް ފެށޭއިރު މަރިޔަނބު ގޭތެރޭގައި ހުރެފައި ދުވަމުން ގޮސް އެޕާޓްމެންޓުން ނުކުންނަ ދޮރުފަތުގައި ކަންފަތް ޖަހައެވެ. ކޮންމެވެސް މީހަކު ރަނގަބީލު ޖަހާތީ އެވެ. އަދި ދޮރުގައި ހަރުކޮށްފައި ހުރި ބޭރު ބަލާ ތަނުން ބޭރު ބަލައިލުމަށްފަހު، ދޮރުގައި ވިއްދުމަށް ތަފާތު އެކި އެއްޗެހި ގެންނަން ދަރިފުޅަށާއި ފިރިމީހާއަށް އަންގަ އެވެ.
އެމީހުން ގެނެސް ދޮރުގައި ވިއްދާ ތަކެތީގެ ތެރޭގައި ކުޑަ މޭޒަކަކާއި ގޮނޑި އަދި މާވަށިގަނޑު ފަދަ ތަކެތި ހިމެނެވެ. ދެން ފެނިގެން ދަނީ ބޭރުގައި ހުރި މީހާ ހުރެ ހުރެ ބަލިވެގެން މަރިޔަނބަށް ގޮވަން ފަށާތަނެވެ. އެއީ ސިރާޖު ކަމަށް އެމީހަކު ބުނެއެވެ.
ޗުއްޕު (ތުއްތު ކުއްޖެއް) ގޮވައިގެން އައި ވާހަކަ އާއި އެންމެން އެކުގައި މޫދަށް ދާންވެގެން އުޅޭ ވާހަކަ މަރިޔަނބު ގާތުގައި ބުނެ އެވެ. އެވަގުތު މަރިޔަނބު އެތެރެއިން ވާހަކަ ދައްކާ އަޑު އިވުމުން "އަނހާ އެބައުޅެމުދޯ" އޭ ވެސް ސިރާޖު ބުނެއެވެ.
https://twitter.com/HPA_MV/status/1321770051494506496
އާއިލީ ބައްދަލުވުންތައް ބާއްވާނީ ކޯވިޑްގެ ކަންތައް ހަމައަކަށް އެޅުމުން ކަމަށް، ބުނެފައިވާނެ ކަމަށް ސިރާޖަށް، މަރިޔަނބު ހަނދާން ކޮށްދެއެވެ. ނަމަވެސް ސިރާޖު ބުނީ ފެމެލީ ވީމާ "އޯކޭ" ވާނެ ކަމަށެވެ.
އެކަމަކު މަރިޔަނބު ބުނަނީ އާއިލާއަށް ބީރައްޓެއްސަކަށް ވައިރަސް ނުބަލާނެ ކަމަށާއި ޗުއްޕު ގޮވައިގެން ބޭރަށް ނުކުތުން މިދުވަސްކޮޅު ރަނގަޅު ނުވާނެ ކަމަށް ބުނެ ސިރާޖަށް ނަސޭހަތްތެރިވެ އެވެ.
މިފަހަރު ހަމަގައިމުވެސް މަރިޔަނބު ނުއެއްތަޅަ އެވެ. އެކަމަކު މަރިޔަނބުގެ ނަސޭހަތް ވަރުގަދަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް