ރަސްމާލެ މަޝްރޫޢުން 10 އަހަރު ތެރޭ 11 ބިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ: މިނިސްޓަރު

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ކުރިއަށް ގެންދާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ތަރައްޤީގެ 10 އަހަރުގެ މުއްދަތުގައި 11 ބިލިއަން ޑޮލަރު (169 ބިލިއަން ރުފިޔާ)...

30 Sep 2026 | 17:44
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު -- ފޮޓޯ: ރައީސް އޮފީސް

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު -- ފޮޓޯ: ރައީސް އޮފީސް

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ކުރިއަށް ގެންދާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ތަރައްޤީގެ 10 އަހަރުގެ މުއްދަތުގައި 11 ބިލިއަން ޑޮލަރު (169 ބިލިއަން ރުފިޔާ) އަށް ވުރެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެކްސްގައި ހާމަކުރެއްވި ގޮތުގައި 500 ހެކްޓަރުގެ ސަރަޙައްދެއްގައި 20 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުން އަހަރެއްގެ މައްޗަށް އެވެރެޖްކޮށް ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރު ދައުލަތަށް ވަންނާނެއެވެ. ގެދޮރާއި ހޮޓާ ރިސޯޓުތަކާއި މެރީނާގެ އިތުރުން ފިހާރަ އޮފީސް ތަޢުލީމީ އަދި ޞިއްޙީ މަރުކަޒުތައް ޤާއިމުކުރުމަށް އެ މަޝްރޫޢުގެ ދަށުން ރާވާފައިވެއެވެ.

ޒަރީރު ފާހަގަކުރެއްވި ގޮތުގައި މި އާމްދަނީއަކީ ރާއްޖޭގެ 179 ރިސޯޓާއި 16 ހޮޓަލާއި 920 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދުން މިހާރު ދައުލަތަށް ލިބޭ ޖުމްލައަށް ވުރެ ވެސް ބޮޑު ޢަދަދެކެވެ.

އެއްބަސްވުމުގެ ދަށުން ދައުލަތަށް އާމްދަނީ ލިބޭ ގޮތްތަކުގެ ތެރޭގައި ކަނޑައެޅިފައިވާ ރޭޓުތަކުން ނެގޭ ޓީޖީއެސްޓީ ހިމެނެއެވެ. ހަމައެއާ އެކު ތަންތަން ފުރަތަމަ ފަހަރަށް ވިއްކައިގެންނާއި ކުއްޔަށް ދީގެން ޑިވެލޮޕަރަށް ލިބޭ ފައިސާގެ 10 އިންސައްތަ ދައުލަތަށް ލިބޭ ގޮތަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން ފުރަތަމަ ފަހަރަށް ތަނެއް ގަންނަ ފަރާތުން އެ ތަނެއްގެ އަގުގެ ހަތަރު އިންސައްތަ ދައުލަތަށް ދައްކަން ޖެހެއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގައި ޓެކްސް އިނާޔަތެއް ނުވަތަ ޑިއުޓީ މާފެއް ހިމެނިފައެއް ނުވެއެވެ.

ތަންތަން ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ރައްކާކުރާނީ ރާއްޖޭގައި ހުޅުވާ އެސްކްރޯ އެކައުންޓެއްގައި ކަމަށާއި މަޝްރޫޢުގެ ހުރިހާ ފައިސާގެ މުޢާމަލާތެއް ހިންގާނީ ދިވެހި ބޭންކުތައް މެދުވެރިކޮށް ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.

މިނިސްޓަރު ސިފަކުރެއްވި ގޮތުގައި މި މަޝްރޫޢަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް ދިގު މުއްދަތުގެ އިޤުތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް