ޕޯޗްގަލްގެ ބެންފީކާއަށް ކުޅެމުން އައި ޒުވާން ޑިފެންޑަރު ރުބެން ޑިއަސް މެންޗެސްޓާރ ސިޓީއަށް ސޮއިކޮށްފިއެވެ.
ޑިއަސް މެންޗެސްޓަރ ސިޓީއާއި ގުޅުނީ 65 މިލިއަން ޕައުންޑަށް ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މެންޗެސްޓަރ ސިޓީ އަށް ބަދަލުވުމަށްފަހު ޑިއަސް ބުނީ ސިޓީ ކަހަލަ ކުލަބަކަށް ބަދަލުވުމަކީ ލިބުނު އުފަލެއް ކަމަށާއި ކެރިއަރުގައި އިތުރަށް ކުރިޔަށް ދިއުމަށް ލިބުނު ރަގަޅު ފުރުސަތެއް ކަމަށެވެ. އަދި ރަނގަޅު ކޯޗެއްގެ އިރުޝާދުގެ ދަށުން ކުރިޔަށް ދިއުމަށް ކުރި އުންމީދުތަށް ވެސް ފުރިހަމަ ވެއްޖެކަމަށް ޑިއާޒް ބުންޏެވެ.
ޑިއަސް މެންޗެސްޓަރ ސިޓީއަށް ބަދަލުވިއިރު، ސިޓީއަށް ކުޅެމުން އައި އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ ވަނީ ބެންފީކާ އަށް ބަދަލުވެފަ އެވެ. އޮޓަމެންޑީ ބެންފީކާއަށް ބަދަލުވީ13.7 މިލިއަން ޕައުންޑަށެވެ.
ޑިއަސް ސިޓީއާއި ގުޅުނު އިރު، އޭނާ އަކީ މިފަހަރުގެ ޓްރާންސްފަރ ބާޒާރުގައި ސިޓީން ގެނައި ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ޓީމުން ވަނީ ނެދަލޭންޑްސްގެ ޑިފެންޑަރެއް ކަމަށްވާ ނަތަން އަކޭ އާއި ސްޕެއިންގެ ފޯވާޑެއް ކަމަށްވާ ފެނަން ޓޯރޭސް ގެނެސްފަ އެވެ.
ޑިއަސް ބެންފީކާގައި ދެ ސީޒަނެއް ހޭދަކުރިއިރު، އޭނާ ވަނީ ބެންފީކާ އަށް 91 މެޗު ކުޅެދީ 9 ގޯލު ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް