ކޯވިޑް-19 އާއި ގުޅެގޮތުން އެޗްޕީީއޭއިން އެކުލަވާލާފައިވާ ގަވައިދުތަކަށް އާންމު ހިދުމަތްދޭ ތަންތަނުގައި އަމަލު ކުރޭތޯ ބަލަން ކުރިޔަށް ގެންދާ އިންސްޕެކްޝަނަށް ފަހު ގަވައިދަށް އަމަލު ކުރާނަމަ ދޫކުރާ ސްޓިކާ އަމިއްލައަށް ހަދައިގެން ތަތްކުރާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެޗްޕީއޭ އިން މިހާރު ކުރިއަށް ގެންދާ އިންސްޕެކްޝަނުގެ ހަތަރު ވަނަ ބުރުގައި މިންގަނޑަށް ފެތޭގޮތަށް ހުރި ދެ ތަނެއްގައި އަމިއްލައަށް ސްޓިކާ ހަދައިގެން ތަތްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެތަންތަން ހުރީ ގަވައިދާ އެއްގޮތަށް ކަމަށްވިޔަސް އަމިއްލައަށް ސްޓިކާ ހަދައިގެން ތަތްކޮށްފައިވާތީ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެޗްޕީއޭ އިން އިންސްޕެކްޝަން ކުރާ ތަންތަނުގެ ލިސްޓް ބަލަހައްޓަމުން އަންނަ ކަމަށެވެ. އެހެން ކަމުން އިންސްޕެކްޓް ކުރެވޭ ތަންތަނާއި ނުކުރެވޭ ތަންތަނުގެ މައުލޫމާތު އެނގޭނެ ކަމަށެވެ.
އަދި ސްޓިކާ ދޫކޮށްފައިވާ ތަންތަނުގެ މައުލޫމާތު އިންސްޕެކްޓު ކުރަންދާ ފަރާތްތަކަށް ވަގުތުން ބެލޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެފަދަ ކަންކަން އެގޮތަށް ނުކުރުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
އެޗްއީއޯސީން ބުނީ އިންސްޕެކްޝަންގައި ބަލަމުންދާ ތަންތަނުގެ ތެރެއިން ގިނަ ތަންތަނަކީ އެޗްޕީއޭގެ ގަވައިދަށް އަމަލު ކުރާ ތަންތަން ކަމަށެވެ. މިހާރު އިންސްޕެކްޝަން ކުރިޔަށް ގެންދަނީ އޮފީސްތަކާއި، އާންމުނަށް ހިދުމަތްދޭ ތަންތަނާއި ދަތުރުފަތުރުގެ ހިދުމަތްދޭ ތަންތަނެވެ.
މި އިންސްޕެކްޝަން މި ހަފްތާ ތެރޭގައި އަތޮޅު ތެރޭގައިވެސް ފަށާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް