ރާއްޖޭގައި މިހާތަނަށް ޖުމްލަ 71 ސަރަހައްދު ހިމާޔަތްކޮށްފައިވާއިރު ރާއްޖޭގެ ފަރުތަކުގެ 6% އަދި މެންގްރޫވްސްގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި މިހާރު ވަނީ ހިމާޔަތްކުރެވިފައި ކަމަށް އެންވަޔަރްމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ޖެނެރަލް އެސެމްބްލީގެ ބަޔޯޑައިވަރސިޓީ ސަމިޓްގެ ހަވާސާގައި ބޭއްވި ވަޒީރުންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޮންލައިންކޮށް މިއަދު ބޭއްވި މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ކަނޑަކީ ދިވެހިންގެ ދިރިއުޅުން އޭގެ މައްޗަށް ބިނާވެފައިވާ ތަނެއްކަމާށާއި، ނަމަވެސް އައި.ޕީ.ބީ.އީ.އެސްގެ ރިޕޯޓާއި އެހެނިހެން ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ކަނޑުތަކަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށެވެ.
"ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ކަނޑުގެ ރޯދި ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނީ އެންމެ މަދުވެގެން ކަނޑުގެ ސަރަހައްދުގެ 30 އިންސައްތަ ހިމާޔަތްކޮށްގެން. އެހެންކަމުން "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ" އިން 2021ން 2030އަށް ކަނޑައަޅާ ބައިނަލްއަގްވާމީ ލަނޑުދަނޑިތަކުގެ ތެރޭގައި ކަނޑުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ލަނޑުދަނޑިއެއް ފާސްކުރުމަށް ދިވެހިރާއްޖެއިން ޤައުމުތަކަށް ގޮވާލަން" މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން މިކަމަށް އިތުރަށް ތާއީދު ހޯދުމަށްޓަކާ ދިވެހިރާއްޖެއިން މިހާރުވަނީ "ގްލޯބަލް އޯޝަން އެލިއަންސް" އާއި ގުޅިފައިކަމަށާއި ގައުމުތަކުގެ އިގްތިސާދީ ސަރަހައްދުން ބޭރުގައިވާ ކަނޑުގެ ސަރަހައްދުތަކުގެ ދިރޭތަކެތަކެއްޗާއި ގުޅޭގޮތުން މިހާރު އ.ދ.ގައި ކުރިއަށް ދާ މަޝްވަރާތަކުގެ ތެރެއިން އިޤްތިސާދީ ސަހަރައްދުން ބޭރުގެ ސަރަހައްދުތައް ހިމާޔަތްކުރުމަށްވެސް އިތުރަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް މިނިސްޓަރ ވިދާލުވި އެވެ.
ރާއްޖޭގައި 2023 ވަނަ އަހަރަށް ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ ހިމެނޭގޮތަށް ހިމާޔަތްކުރުމަކީ މި ސަރުކާރުގެ ވަޢުދެއް ކަމަށާއި ފާއިތުވި ދޮޅުއަހަރުގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުގެ ތެރެއިން 7 އަތޮޅުގައި މިކަންތައް ހާސިލުކޮށްފައިވާކަމަށާއި ބާކީ ހުރި އަތޮޅުތަކުގައިވެސް މިކަންތައް ހާސިލުކުރުމަށް މަސައްކަތްކުރެވެމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އަދި އެކްޝަން ޕްލޭންގެ އަމާޒުތަކުގެ ތެރޭގައި ރާއްޖޭގެ ފަރުގެ 10% އަދި މެންގްރޫވްސްގެ 20% 2025 ވަނަ އަހަރު އަންނަންވާއިރަށް ހިމާޔަތްކުރަން ހިމަނާފައިވާނެ ކަމަށާއި ރާއްޖޭގައި މިހާތަނަށް ޖުމްލަ 17 ސަރަހައްދު ހިމާޔަތްކޮށްފައިވާއިރު ރާއްޖޭގެ ފަރުތަކުގެ 6% އަދި މެންގްރޫވްސްގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި މިހާރު ވަނީ ހިމާޔަތްކުރެވިފައިކަމަށެވެ. އަދި މިހާރުގެ އެންމެ ބޮޑު އަމާޒަކީ މިހާތަނަށް ހިމާޔަތްކޮށްފައިވާ ތަންތަން މެނޭޖްކުރުން އިތުރަށް ހަރުދަނާކުރުން ކަމަށާއި އެތަންތަން ހިމާޔަތްކުރުމުގެ އެންމެ މުހިއްމު ބޭނުން ހާސިލުވާނީ އޭރުންކަމަށެވެ.
ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއިން ތައްޔާރުކަމަށާއި އެހެންކަމުން ކަނޑުތަކުގެ 30% ރައްކާތެރިކުރުމަށް މިނިސްޓަރ ވަނީ ހުރިހާ ޤައުމަކަށް ގޮވާލައްވާފައެވެ.
މި ބައްދަލުވުމަކީ ދުނިޔޭގެ އެންމެ ބޮޑު އޯޝަން ކޮންފަރެންސް ސީރީސް ކަމަށްވާ އަވަރ އޯޝަންސް، ޔޫއެން އޯޝަން ކޮންފަރެންސް އަދި ވަރލްޑް އޯޝަން ސަމިޓް ބާއްވާ ޤައުމުތަކުން ގުޅިގެން އ.ދ.ގެ 75ވަނަ އާއްމު ބައްދަލުވުމުގެ "ބަޔޯޑައިވާސިޓީ ސަމިޓް"ގެ ހަވާސާގައި ބޭއްވި ބައްދަލުވުމެކެވެ.
މިއީ ދިރޭތަކެއްޗާއި ތިމާވެށި ހިމާޔަތްކުރުމާއި އާއްމު ދިރިއުޅުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުތަކާއި ވާ ގުޅުމުގެ މައްޗަށް ބަލައި، ޤައުމުތަކުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރުއެޅުމަށް ބޭއްވި ބައްދަލުވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް