ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަށް އޭނާ އިއުތިރާފް ވެއްޖެ

ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަށް އޭނާ އިއުތިރާފް ވެއްޖެ އެވެ. އަދީބުގެ މައްޗަށް ކުރި ހަތް ދައުވާގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގެ ދެ ދައުވާ...

30 Sep 2020 | 12:58

ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަށް އޭނާ އިއުތިރާފް ވެއްޖެ އެވެ.

އަދީބުގެ މައްޗަށް ކުރި ހަތް ދައުވާގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މިއަދު ކްރިމިނަލް ކޯޓުގައިކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ސާފުކޮށްދީފައެވެ. އަދި އަދީބު ވަނީ އެ ދައުވާތައް ސާފު ވެއްޖެ ކަމަށް ވިދާޅުވެ އެމްއެމްޕީއާރުސީއިން ގެއްލުނު ފައިސާ ހޯދުމަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން އަދީބު ވަނީ މި ދައުވާތަކަށް އެންމެ ކުޑަ އަދަބެއް ދިނުމަށް ވެސް އެދޭކަމަށް ބުނެފައެވެ. އަދި މި ޝަރީއަތުގައި އަަދީބު އިތުރަށް ވިދާޅުވީ ކުރެވުނު ކުށަށް ތައުބާވެފައި ވާކަމަށާއި އަދި އެކުށަށް ދިވެހި ރައްޔިތުންނާއި ދައުލަތުގެ ކިބައިން މާފަށްއެދޭކަމަށެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީ އިން ގެއްލުނު ފައިސާ ހޯދުމުގައި ދައުލަތަށް އޭނާގެ ފަރާތުން އެއްބާރުލުން މީގެކުރިންވެސް ދީފައިވާ ކަމަށާއި އަދި ކުރިޔަށް އޮތް ތަނުގައި ވެސް އެ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

އަދީބު ވަނީ އޭނާގެ ސިއްހީ ހާލަތާއި ގުޅިގެންވެސް ވާހަކަދައްކަވާފައެވެ. ވިދާޅުވީ އެ މައްސަލަ އާއި ގުޅިގެން މިހާރުވެސް ހަތަރު އަހަރަށްވުރެ ގިނަ ދުވަސް އެކި އަދަބުތަކުގައި އޭނާ އަށް ހޭދަ ކުރެވިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އޭނާ އަށް ސިއްހީ ގޮތުން އެކި މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވަނީ މައްސަލާގައި އޭނާ އަށް ދެވެން އޮތް ކުޑަ އަދަބެއް ދެއްވުމަށް ފަނޑިޔާރު ކިބައިން އެދިލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް