ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް މޫސާ ނިމާލް އަދި ކޯޕަރޭޓް ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް އަހުމަދު އަސީފް ހަމަޖައްސައިފިއެވެ.
މި މަގާމުތަކަށް ނިމާލް އާއި އަސީފް އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެވުނީ ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްފައި ކަމަށެވެ.
"މި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ވަރަށް ފުޅާދައިރާއެއްގައި މަަސައްކަތްކުރެވިގެން ދިޔުމަށްފަހު، ނިމާލް އާއި އަސީފް ބޭންކުގެ އެގްޒެކެޓިވް ޓީމާ ގުޅިވަޑައިގަތުމުން މަރުހަބާ ކިޔުމަކީ އަޅުގަނޑަށް ލިބޭ ބޮޑު އުފަލެއް. މި ދެބޭފުޅުންނަކީވެސް ބޭންކިންގ ދާއިރާގައި އަމަލީ ގޮތުން މަސައްކަތްކޮށް އެތައް އަހަރެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ގާބިލް ދިވެހިން. ރީޓެއިލް، އެސްއެމްއީ އަދި ކޯޕަރޭޓް ބޭންކިންގ އަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް މިދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން. މި ދެ ބޭފުޅުން ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާނެކަމާމެދު އަޅުގަނޑަށް އިތުރުބާރު އެބައޮތް. ނިމާލް އާއި އަސީފް އަށް ކާމިޔާބަށް އެދެން." ބީއެމްއެލްގެ ސީއޯއޯ ވިދާޅުވި އެވެ.
ނިމާލް ބޭންކާ ގުޅިވަޑައިގަތީ 2003 ވަނަ އަހަރުގައެވެ. ނިމާލް ވަނީ ބޭންކިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވައި، ގިނަގުނަ ތަޖުރިބާތަކެއް ހޯއްދަވާފައެވެ.
ނިމާލް ބީއެމްއެލްގައި އަދާ ކުރައްވާ ވަޒީފާތަކުގެ ތެރޭގައި ވަނީ ބްރާންޗް އޮޕަރޭޝަންސް, ކަސްޓަމަރ ސަރވިސަސް, އިންޓަރނޭޝަނަލް ބޭންކިން އަދި ރީޓެއިލް ބޭންކިން ހިމެނެ އެވެ. ބޭންކުން ހިންގާފައިވާ ފާހަގަކޮށްލެވޭ ގިނަ މަޝްރޫޢުތަކާއި, ބޭންކަށް ގެނެވުނު މުހިންމު ބޮޑެތި ބަދަލުތައް ގެނައުމުގައި ނިމާލް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން ނިމާލް ހުންނެވީ ހެޑް އޮފް ރީޓެއިލް ބޭންކިންގެ މަގާމުގައެވެ.
އަސީފް އަކީ ރިލޭޝަންޝިޕް އަދި ޕޯޓްފޯލިއޯ މެނޭޖްމަންޓްގެ ތަޖުރިބާކާރު ގާބިލު ކޯޕަރޭޓް ބޭންކަރ އެކެވެ. 2012 ވަނަ އަހަރު ރިލޭޝަންޝިޕް މެނޭޖަރގެ މަގާމަށް ބޭންކާ ގުޅިވަޑައިގަތުމަށްފަހު ފާއިތުވި އަށް އަހަރު ތެރޭގައި ވަނީ ކޯޕަރޭޓް ބޭންކިންގ ޓީމާއެކު މިދާއިރާގައި ކުރިއެރުންތަކެއް ހޯއްދަވައި، ބޭންކުގެ ނުހަނު ބޮޑު ކޯޕަރޭޓް ކަސްޓަމަރ ޕޯޓްފޯލިއޯ ބެލެހެއްޓުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފަ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަސީފް ގެންދެވީ ހެޑް އޮފް ކޯޕަރޭޓް ބޭންކިންގެ މަގާމު އަދާކުރައްވަމުންނެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 ޕަސެންޓު މުވައްޒަފުންނަކީ ފަހްރުވެރިމަކާއެކު ވަޒީފާ އަދާކުރަމުންދާ ދިވެހިންނެވެ.
ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް