ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލް މުހައްމަދު ސަމާހު މެރުމަށް ކޮށްފައިވާ ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ކ. ކާށިދޫގައި ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް ވަޅިން ހަމަލާދީ ހަލީމް މަރާލީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެވެ. އޭނާގެ މައްޗަށް މީހަކު މެރިކަމުގެ ކުށް ސާބިތުވެގެން ސަމާހަށް ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވީ 2013 ވަނަ އަހަރު އެވެ.
މި މައްސަލައިގަ މިއަދު ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހަލީމް މަރާލިކަމަށް ދަށު ކޯޓުގައި އެއްބަސްވީ މަޖުބޫރުން ކަމަށް ޝަރީއަތުގެ މަރުހަލާގައި ސަމާހު ބުނި ނަމަވެސް އެކަމަށް ބާރުދެ ހަރުދަނާ އެއްވެސް ހެއްކެތް ދެއްކިފައި ނުވާ ކަމަށެވެ. މަޖުބޫރީ ހާލަތެއް ކަމަށް ބުނެ ސަމާހުގެ ފަރާތުން ފާހަގަކުރި ކަންކަމަކީ އޭނާ ނުކުރާ ކަމަކަށް އެއްބަސްވާންޖެހޭ ފަދަ މަޖުބޫރީ ހާލަތެއް ކަމަށް ނުބެލެވޭ ކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
އާދަމް ހަލީމަށް ސަމާހު، ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ އޭނާ ގޭ ބަންދުގައި ހުއްޓާ ގެއިން ބޭރަށް ނިކުމެފައިވާތީ ކާށިދޫ ޕޮލިސް ސްޓޭޝަނަށް ގެންދަން އުޅުމުން ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިންނެވެ.
އެ ހުކުމް ސަމާހުުގެ ފަރާތުން އިސްތިއުނާފް ނުކުރުމުން ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ ގޮތުގެ މަތިން އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ހުށަހެޅީ ދައުލަތުންނެވެ.
މީހެއްގެ މައްޗަށް މަރުގެ ހުކުމް ކޮށްފި ނަމަ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށް ހައި ކޯޓުން މަރުގެ ހުކުމް ދަމަހައްޓަން ނިންމި ނަމަވެސް ސުޕްޜީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް