ކައުންސިލް އިދާރާތަކަށް އާ މުވައްޒަފުން ނެގުމުގެ ހުއްދަ ސިވިލް ސާވިސް ކޮމިޝަނުން އަލުން ދީފި އެވެ.
ކައުންސިލް އިދާރާތަކަށް އާ މުވައްޒަފުން ނެގުން ވަގުތީގޮތުން މަޑުޖައްސާލުމަށް ސިވިލް ސާވިސް ކޮމިޝަނުގެ ސާކިއުލާއަކުން އެންގީ ކޯވިޑް-19 އާއި ގުޅިގެން ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ. އެ ސާކިއުލާ ނެރެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އެވެ.
ސީއެސްސީން މިއަދު ބުނީ އެ ސާކިއުލާގައި އަންގާފައިވާ އެންގުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
ސީއެސްސީން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނުގެ ދަށުން ލޯކަލް ގަވާމަންޓް އޮތޯރިޓީން ހޯދަންޖެހޭ ހުއްދައާއި މާލިއްޔަތާބެހޭ ސާކިއުލާގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސުން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ފަހު، ކައުންސިލްގެ އިދާރާތަކުގެ މަގާމުތަކަށް މުވައްޒަފުން ހޯދުމުގެ ހުއްދަ އަލުން ދޭ ކަމަށެވެ. ވަޒިފާތަކަށް މީހުން ނަގާއިރު ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކާއި ކުރިޔަށް ގެންދިއުމަށް އެދިފައިވެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަލަށް ސިވިލް ސާވިސް މުވައްޒަފުން ނެގުން މަޑު ޖައްސާލިޔަސް މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް