އަމިއްލަ އަށް މަރުވި ބޮލީވުޑްގެ ކުޅަދާނަ ބަތަލް ސުޝާންތު ސިންގް ރާޖްޕުޓަށް މަސްތުވާތަކެތިދީ، މަސްތުވާތަކެތި ހޯދައި ދިނުމުގައި އިސްކޮށް އުޅުނު ކަމަށް އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީއަށް ތުހުމަތުކޮށް މައްސަލަ ނުބެލޭނެ ކަމަށް އޭނާގެ ގާނޫނީ ވަކީލު ބުނެފި އެވެ.
ސުޝާންތުގެ މަރުގެ މައްސަލަ އާއި ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައިގަ ރިއާ ހުރީ ޖަލުގައި ހައްޔަރުކޮށްފައި އެވެ. އޭނާ ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް ވަކީލުން މަސައްކަތް ކުރަމުންދާއިރު އެ މައްސަލައިގެ އަޑު އެހުމެއް އިއްޔެ ބާއްވާފައިވެ އެވެ.
މި އަޑުއެހުމުގައި ރިއާގެ ވަކީލު ބުނީ ސުޝާންތާއި ރިއާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިންވެސް ސުޝާންތު މަސްތުވާތަކެތި ބޭނުން ކުރާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގަ ރިއާއަށް ކޮށްފައިވާ ތުހުމަތުތަކީ އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ވަކީލު ބުނެފައިވެ އެވެ.
ވަކީލު ބުނީ ބޮލީވުޑްގެ ތަރިންގެ މެދުގައި މަސްތުވާތަކެއްޗާއި ގުޅުން ހުރި ބޮޑު މައްސަލައެއް ތަހުގީގު ކުރަމުންދާއިރު ސުޝާންތު މިއަދު ދުނިޔޭގައި ހުރި ނަމަ މި މައްސަައިގަ އޭނާވެސް ބެދޭނެ ކަމަށެވެ. އަދި ސާރާ އަލީ ހާން އާއި ޝްރައްދާ ކަޕޫރު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް ދިން ބަޔާނުގައި 2019 ވަނަ އަހަރުގެ ތެރޭގައި ސުޝާންތު މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ބުނެފައިވާކަންވެސް ވަކީލު ފާހަގަ ކުރި އެވެ.
ރިއާ އާއި ހަވާލާދީ ވަކީލު ކޯޓުގައި ބުނީ ސުޝާންތު ކޮންމެ ދުވަހަކުވެސް ގިނަވެގެން ބޭނުން ކުރަނީ25 ގްރާމުގެ މަސްތުވާތަކެއްޗެވެ. މީގެ ކުރިންވެސް ރިއާ ވަނީ ސުޝާންތު ކޮންމެ ދުވަހަކު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރުޖުއާނާ ބޭނުން ކުރާ ކަމަށް ބުނެފައި އެވެ.
ރިއާއަށް ފުލުހުން ތުހުމަތު ކުރަނީ އޭނާގެ ބޭބެ ޝޯވިކް ޗަކްރަބަތީ އާއި ގުޅިގެން ސުޝާންތަށް މަސްތުވާތަކެތި ހޯދައިދޭކަމުގެ ތުހުމަތެވެ. އޭނާގެ ބޭބެއަކީ މަސްތުވާތަކެތީގެ ބޮޑު ގޭންގަކާއި ގުޅުން އޮންނަ މީހެއް ކަމަށްވެ އެވެ.
މި މައްސަލައިގަ ޝޯވިކްވެސް ހުރީ ބަންދުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް