މާލޭ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ކުރަމުން ދަނީ ސްޓެލްކޯގެ އިޖްތިމާއީ ޒިންމާގެ ދަށުންނެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިވެސް އެ ކުންފުނިން ވަނީ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްފައި އެވެ.
ސްޓެލްކޯއިން ބުނީ މުންނާރުގެ އާބާތުރަ ފިލުވަން ފެށީ އިއްޔެ ކަމަށެވެ. މި މަސައްކަތުގެ ދަށުން އާބާތުރަ ފިލުވައި ކުލަ ކެހިފައި ހުރި ތަންތަނުގައި ކުލާ ލާނެ އެވެ.
އެ ކުންފުނިން ބުނީ ހުކުރު މިސްކިތް ހުޅުވަން ވާއިރަށް މި މަސައްކަތް ނިންމާލާނެ ކަމަށެވެ. ހެރިޓޭޖް މިނިސްޓްރީން ދަނީ މި ހަފްތާ ތެރޭގައި މާލޭ ހުކުރު މިސްކިތް އަލުން ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތް ކުރަނީ ސްޓެލްކޯގެ މުވައްޒަފުންނަށެވެ. މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދެނީ ހެރިޓޭޖް މިނިސްޓްރީންނެވެ.
https://twitter.com/STELCOMALDIVES/status/1310955599593713664
ސްޓެލްކޯއިން ކުރިން ބުނެފައިވާ ގޮތުގައި އެކުންފުންޏާއި ހަވާލުކުރެވިފައި އޮތް މި މަސައްކަތް ކޮށް މުންނާރު އަބަދުވެސް ރީތިކޮށް ބެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މުންނާރަކީ 300 އަހަރު ވީ ބިނާއެކެވެ. މުންނާރު ބިނާކޮށް ނިމުނީ ހިޖުރައިން 1085 ވަނަ އަހަރު އެވެ. މުންނާރު ބިނާކުރެއްވީ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އެއިރު އަރަބިކަރައިގެ މުންނާރުތައް ހުންނަގޮތަށް ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް