އެމްއާރްޑީސީގެ ބޯޑުގެ ކުރީގެ ހަތަރު މެމްބަރަކަށް ދައުވާކުރަން ފޮނުވައިފި

ލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް (އެމް.އާރް.ޑީ.ސީ) ލޭންޑިންގ ކްރާފްޓެއް ގަތް މައްސަލައިގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާތީ އެ ކުންފުނީގެ ބޯޑުގެ ކުރީގެ ހަތަރު މެމްބަރަކަށް ދ...

29 Sep 2020 | 20:20

ލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް (އެމް.އާރް.ޑީ.ސީ) ލޭންޑިންގ ކްރާފްޓެއް ގަތް މައްސަލައިގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާތީ އެ ކުންފުނީގެ ބޯޑުގެ ކުރީގެ ހަތަރު މެމްބަރަކަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

އަންގާރަ ދުވަހު އޭސީސީން އާއްމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލޭންޑިން ކްރާފްޓުގެ މައްސަލާގައި ދައުވާ ކުރަން ފޮނުވާފައިވަނީ އެމްއާރްޑީސީގެ ކުރީގެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް މއ. އެލީޒިއަމް އިބްރާޙިމް ނަޒީމް، ވ. ނަލަދުވެލި މުހައްމަދު ރިޔާޒް އަދި މއ. ޔެލޯ ޑައިމަންޑު އަހުމަދު ރަޝީދުގެ އިތުރުން ގ. މާބާދީގެ މުހައްމަދު އަލި ދީދީގެ މައްޗަށެވެ.

އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކަމަށް އޭސީސީން ވިދާޅުވިއެވެ.

މި މައްސަލައަކީ، 16 އޮކްޓޫބަރު 2018 ގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް އޭރުގެ ކޮމިޝަނުން ނިންމާފައިވާ މައްސަލައެއް ކަމަށް އޭސީސީން ބުނެއެވެ. އެހެންނަމަވެސް، 22 ޑިސެމްބަރު 2019 ގައި މި މައްސަލަ އަލުން ރިވިއު ކޮށްދިނުމަށް އެދި މައްސަލަ ތަޙްޤީޤުކުރި ޓީމުން އެދިފައިވާތީ، މި މައްސަލައިގެ ފައިލް އަލުން ހުޅުވައި ތަޙްޤީޤު ފުރިހަމަ ކުރުމަށް 24 ފެބުރުވަރީ 2020 ގައި ބޭއްވި ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށް އޭސީސީން ވިދާޅުވެފައިވެއެވެ.

އޭސީސީން ވިދާޅުވީ އެމް.އާރް.ޑީ.ސީ އަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަށް އިސްލާހު ގެނެސް ލޭންޑިންގ ކްރާފްޓް ގަންނަ ޖުމްލަ އަގުގެ %50 (ފަންސާސް އިންސައްތަ) އަށްވާ 7،494،200.00 (ހަތް މިލިއަން ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ) ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެމް.އާރް.ޑީ.ސީގެ ބޯޑުން ފާސްކޮށްފައިވަނީ، އެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޡީމް އާއި މުޙައްމަދު ރިޔާޟް އާއި އަޙްމަދު ރަޝީދު އަދި މުޙައްމަދު ޢަލީދީދީ އަށް އެނގިހުރެ ކަމަށެވެ.

އޭސީސީން ވިދާޅުވީ އެފައިސާ ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް، އިބްރާހީމް ނަޡީމް އެއްބަސްވުމުގެ އިސްލާހުގައި ސޮއިކޮށް، ޕޭމަންޓް ވައުޗަރ އެޕްރޫވްކުރީވެސް އޭނާގެ އެ ޢަމަލުގެ ނަތީޖާ އެނގިހުރެ ކަމަށެވެ.

އިތުރަށް އޭސީސީން ވިދާލުވެފައިވަނީ މިއީ މަޤާމުގެ ނުފޫޒުބޭނުންކޮށްގެން ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއްނެތް މިންވަރަށް ތަޙްޤީޤަށް ސާބިތުކުރެވޭތީ އެ ހަތަރު ފަރާތުގެ މައްޗަށް ދައުވާކުރަން ފޮނުވީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް