މާލޭސިޓީ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފިއެވެ.
މާލޭސިޓީ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާފައިވަނީ މާލޭ ލޮނުޒިޔާރާތްކޮޅުގައި މާލޭ ސިޓީ ކައުންސިލުން ޕާކެއް ތަރައްޤީ ކުރިއިރު ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ވާތީއެވެ.
މި މައްސަލައާއި ގުޅިގެން އޭސީސީން ވިދާޅުވީ، މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ޕާކް (އަޑި ޕާކް) ގެ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި 29 ސެޕްޓެންބަރު 2020 ގައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލައިގައި ޝިފާގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާ ކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.
އަދި ޝިފާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫޢުގައި ހިމެނޭ ޢިމާރާތްތައް (02 ފާޚާނާބަރިއާއި، 03 ހަޓާއި، 03 އެންޓްރަންސް ކެނޮޕީއާއި، ލައިފްގާޑް ޓަވަރެއް ރެނޮވޭޓްކުރުމާއި، 01 ގާޑަން ބްރިޖް ހަދައި އިންސްޓޯލްކުރުން) ގެ މަސައްކަތްތަކުގެ ތެރެއިން 02 ފާޚާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައި ވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަމަށް ވާތީކަމަށެވެ.
އެގޮތުން ފުރަތަމަވެސް އެ ކުންފުނިން އެކަނި ކޯޓޭޝަން ހޯދައިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (20 ފެބުރުވަރީ 2017) ގެ 10.25 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން މަސައްކަތް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާކަމާއި، އެ ހުއްދަ ނުދީ، ކައުންސިލްގެ އިދާރާގެ ބިޑް ކޮމިޓީގެ ހުއްދައަށް އެދުމަށް އެ މިނިސްޓްރީއިން އެންގުމުން، 03 ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅިނަމަވެސް، އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމިން ކޮންސްޓަރަކްޝަނާއި ހަވާލުކޮށްގެން ކުރުވާފައިވާކަން އެނގޭ ކަމަށް އޭސީސީން ވިދާޅުވެއެވެ.
އަދި ބިޑް ކޮމިޓީއިން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވިފައިވާއިރު، ޢަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރ ޝިފާއަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔަރ ޝިފާ ކަން އޭސީސީއަށް ވަނީ އެނގިފައި ކަމަށް އޭސީސީން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް ތަޙްޤީޤަށް ފާހަގަކުރެވުނު ކަމަށް އޭސީސީން ވިދާޅުވިއެވެ.
މީގެއިތުރުން، ސްރީލަންކާގެ ކުންފުންޏަކުން މި 02 ފާޚާނާބަރީގެ މަސައްކަތް ކޮށްދޭ ފަރާތަކަށް ފައިސާ ދައްކާނެކަމަށް މާލޭ ސިޓީގެ މޭޔަރ ޝިފާއަށް އެޑްރެސްކޮށް މާލޭ ސިޓީ ކައުންސިލަށް 15 އޮކްޓޫބަރު 2019 ގައި ފޮނުވާފައިވާ ސިޓީގައި ބުނެފައިވާއިރު، ވަކި ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމަށް އެ ކުންފުނިން އެދިފައިނުވާކަން ވެސް އޭސީސީން ވަނީ ފާހަގަ ކޮށްފައެވެ.
އަދި ހިލޭ އެހީއަކީ ދައުލަތަށް ލިބޭ ފައިސާކަމަށްވީއިރު އެ ފައިސާ ޚަރަދުކުރަން އޮންނަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތައްކަމަށް ވާއިރު، ހިލޭ އެހީ ހުށަހެޅިކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 9 ވަނަ ބާބުގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތަށް މިނިސްޓްރީ އޮފް ފިނޭންސްއާއި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި، ބިޑް ކޮމިޓީގެ މެމްބަރުންނާއި، ކައުންސިލްގެ އިދާރާގެ ފައިނޭންސް ސެކްޝަނާ ސިފާ ހިއްސާކޮށްފައި ނުވާކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.
"ކައުންސިލްގެ އިދާރާއިން ފިނޭންސް މިނިސްޓްރީއާ އެ މަޢުލޫމާތު ހިއްސާކުރީ މަސައްކަތް ނިމި ކައުންސިލްގެ އިދާރާއާ ތަން ހަވާލުކުރި ފަހުންކަން އެނގެއެވެ" އޭސީސީން ބުންޏެވެ.
މީގެއިތުރުން، އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށްވާތީ މަސައްކަތުގެ ތަފްޞީލް އެނގެން ނެތްކަމާއި، ޖުމުލަ ތިން މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި އެކި ދުވަސް މަތިން ސިފާ ބިޑް ކޮމިޓީގައި އެދިފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
އަދި މަސައްކަތް ފެށިކަމަށް ބުނާ ތާރީޚްގެ ފަހުން ވެސް ދެ ފާޚާނާބަރި ހިމެނޭގޮތަށް ޢިމާރާތްތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި ސިފާ ބިޑް ކޮމިޓީއަށް 21 އޮކްޓޫބަރު 2019 ގައި މެމޯ ފޮނުވާފައިވާކަމާއި، އެ މެމޯ ފޮނުވިއިރުވެސް ޢަމަލީ ގޮތުން އެ މަސައްކަތް ފަށާފައިވާކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އޭސީސީން ބުނެފައިވެއެވެ.
އެހެންކަމުން ސިފާ ޢަމަލުކޮށްފައިވަނީ އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގެން އޮންނާތީ އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވީ ކަމަށް އޭސީސީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް