އެޗްޕީއޭގެ އެންގުމާ ހިލާފުވުމުން ޝުޖާއު 1،000 ރުފިޔާއިން ޖޫރިމަނާކޮށްފި

މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މާލޭގައި ބޭއްވި ސައިކަލު ބުރާ ގުޅިގެން، މިރޭ ފުލުހަށް ހާޒިރުކުރި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު 1،000 ރުފިޔާއިން ޖޫރ...

30 Aug 2020 | 17:42

މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މާލޭގައި ބޭއްވި ސައިކަލު ބުރާ ގުޅިގެން، މިރޭ ފުލުހަށް ހާޒިރުކުރި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

"ރާއްޖެ ވިއްކާލުމާ ދެކޮޅަށް" ގެ ނަމުގައި ބޭއްވި ސައިކަލް ބުރުގައި، ކޮވިޑް-19 ފެތުރޭތީ އަމަލުކުރުމަށް އަންގާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފަށް، މާސްކް ނާޅައި އަދި ގައިދުރުކަމެއް ނެތި އެތައް ބަޔަކު އެއްވެފައިވެ އެވެ. މި އެއްވުމުގައި އިސްކޮށް އުޅުއްވި ޝުޖާއު ޖޫރިމަނާކުރީ އެ މައްސަލާގައި އޭނާ މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.

ޝުޖާއު ވިދާޅުވީ، ވަކިބަޔަކު ގޯސްކަމެއް ކުރީމައި އެކަން ބަލާ އުސޫލު ދޫކޮށްލަން ޖެހޭ ކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާސްކު ނާޅައި އުޅުއްވި މައްސަލައިގައި ފުލުހުން އެއްޗެއް ބުނެފައި ނުވާ ކަމަށާއި އެއީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، އިދިކޮޅުގެ ފަރާތްތަކުން ފުލުހަށް ހާޒިރު ކުރުމަކީ ބިރު ދައްކަން ކުރާ ކަމެއް ކަމަށެވެ.

ޝުޖާއުގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ އިސް އެހެން ބައެއް ބޭފުޅުން ވެސް ވަނީ ސައިކަލްބުރުގެ މައްސަލާގައި ފުލުހަށް ހާޒިރުވާން އަންގައިފަ އެވެ.

ޝުޖާއުއާ އެކު ފުލުސް އޮފީހަށް ހާޒިރުވި ވަކީލު ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހްތާޒް މުހްސިން ވިދާޅުވީ، ހާޒިރުކުރި ތުހުމަތުތަކާއި، ފުލުސް އޮފީހަށް އައުމުން ކުރި ތުހުމަތުތަކާ ދިމާނުވާ ކަމަށާއި އެހެންވެ ފުލުހުންގެ ތަހުގީގަށް އެކަށީގެންވާ ވަރަށް އެއްބާރުލުން ދީފައި ނުވާނެ ކަމަށެވެ.

އިދިކޮޅު ސައިކަލު ބުރާ ގުޅިގެން އެ ކޯލިޝަންގެ ބައެއް ވެރިން މާދަމާވެސް ފުލުހަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް