ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ 80 އިންސައްތަ ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައި ކަމަށް އެ ބޭންކުގެ ސީއީއޯ ބަރަތު މިޝްރާ ވިދާޅުވެއްޖެއެވެ.
“ދުވަސް” އަށް ދެއްވި ބަސްދީގަތުމެއްގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ސީއީއޯ ބަރަތު މިޝްރާ ވިދާޅުވީ، އެ ބޭންކުގެ މާލޭ ގޮފީގެ 80 އިންސައްތަ އާ އެއްވަރުގެ ގެއްލުމެއް ލިބިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އަލިފާންގަނޑު ނިއްވާލި ފަހުން، އެ ބޭންކަށް ވެފައިވާ ގެއްލުން ބަލަން ދިޔަ އިރު، ވަނީ އެ ބޭންކުން އަންދާޒާކުރި ވަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އަދި ތަނުގައި ބޭނުން ކުރަން ގެންގުޅޭ ތަކެތި ހިމެނޭ ގޮތަށް 80 އިންސައްތަ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަކަމަށެވެ. ނަމަވެސް ވެފައިވާ ގެއްލުމަށް ނުބަލާ އެ ބޭންކުން މަސައްކަތް ފެށީ މެދު ކެނޑުމެއް ނެތި ހިދްމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. މިކަމަށްޓަކައި، އިއްޔެ އެއްކޮށް ހޭދަކުރެއްވީ ބައްދަލުވުންތައް ބޭވުމުގައި ކަމަށާއި މި ބައްދަލުވުންތަކުގައި އެ އިމާރާތުގެ މަރާމާތުގެ ކަންކަން މަޝްވަރާ ކުރެވިގެން ދިޔަކަން މިޝްރާ ފާހަގަކުރެއްވިއެވެ.
މިޝްރާ ވިދާޅުވީ، ހެންވޭރު ސަންލީޓްގެ ފަސް ފަންގިފިލާ އެ ބޭންކު ހިންގުމަށް ބޭނުން ކުރަމުން އަންނަ ކަމަށެވެ. މި ފަސް ފަންގިފިލާގެ ތެރެއިން ދެ ވަނަ އަދި ތިން ވަނަ ފަންގިފިލާގެ 100 އިންސައްތަ ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިކަމަށާއި އަދި ހަތަރު ވަނަ ފަންގިފިލާގެ 50 އިންސައްތަ އަނދައިފައިވާ ކަމަށާއި، އަށް ވަނަ ފަންގިފިލާގެ 20 އިންސައްތަ އަނދައިފާކަން މިޝްރާ ފާހަގަކުރެއްވި އެވެ. ނަމަވެސް އެންމެ ތިރީ ފަންގި ފިލަޔަށް މާބޮޑެތި ގެއްލުން ތަކެއް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހުޅުމާލެ ގޮފީގައިވެސް ހުރިހާ ވަސީލަތްތަކެއް ހުރުމުން، ލިކެ ކިޔުންތަކާއި މުވައްޒަފުންގެ ކަންކަން ކުރިއަށްގެންދަންވީ ގޮތާއި މެދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށާއި އަދި މިޝްރާ ވަނީ އެ އެހީތެރިކަމަށް އެމްއެމްއޭ އަށް ޝުކުރު އަދާކުރައްވައިފައެވެ.
މިޝްރާ ވިދާޅުވީ، ދަންވަރު 2:00 ގައިވެސް އެސްބީއައިގެ މުވައްޒަފުން ހުޅުމާލެ ގޮފީގައި މަސައްކަތް ކުރި ކަމަށާއި، ހެނދުނު 8:30 ގައި ހުރިހާ ހިދުމަތެއް އެ ބްރާންޗުން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. ބައެއް ހިދުމަތްތައް މާލޭ ގޮތްޕާއި އިންވެގެން ހުރި އިމާރާތަކުން ލިބޭނެ ކަން މިޝްރާ ވަނީ ފާހަގަކުރައްވައިފައެވެ.
މިޝްރާ ވިދާޅުވީ، އެ ބޭންކުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މާލެއިން ހުޅުމާލެއަށް އައުމަށް ބަހުގެ ހިދުމަތް ފޯރުކޮށްދޭ ކަމަށާއި، ހުޅުމާލެ ގޮފިން ހިދުމަތް ލިބިގަތުމުން އަނބުރާ މާލެއަށް ގެންގޮސްދޭ ކަމަށެވެ. އަދި މި ހިދުމަތުގެ މައުލޫމާތު ދިނުމަށް މާލޭގައި އެ ބޭންކުގެ މުވައްޒަފުން ތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިޝްރާ ވިދާޅުވީ، އެސްބިއައި މާލެ ގޮފީގެ އޮފީހުގެ މަރާމާތުގެ ކަންކަން ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އެގޮތުން މަސައްކަތްތައް ހަވާލުކުރާނެ މީހުންނާއި އެކު ބައްދަލުވުންތައް ބޭއްވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޮފީހުގެ ހުރިހާ ފަރުނީޗަރެއް އަލުން ތައްޔާކުރާން ކަމަށާއި، ކަސްޓަމަރުންނަށް އެއްވެސް ހިދުމަތެއް ލަސް ނުކޮށް ފޯރުކޮށްދިނުމަކީ އެ ބޭންކުގެ އެންމެ ބޮޑު އުންމީދުކަން މިޝްރާ ފާހަގަކުރެއްވި އެވެ.
އެސްބީއައިގެ އެއްވެސް ފައިސާއަކަށް ގެއްލުން ނުވާކަން އެ ބޭންކުން ވަނީ ފާހަގަ ކޮށްފައެވެ. އަދި އަށް ވަނަ ފްލޯގައި ހުރި ހުރިހާ ލިކެކިޔުންތަކަށްވެސް އެއްވެސް ގެއްލުމެއް ނުވާކަމަށްވެސް އެ ބޭންކުން ބުނެއެވެ.
މިޝްރާ ވިދާޅުވީ، މާލޭ ގޮފިން ލިބުނު ހުރިހާ ހިދުމަތެއް ހުޅުމާލެ ގޮފިންވެސް ލިބޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިވަޑައިގެންފައެވެ. އަދި އެބޭންކުގެ ހުރިހާ ކަމެއްވެސް ހިނގަމުންދަނީ އެންމެ ފުރިހަމައަށްކަން އޭނާ ފާހަގަކުރެއްވި އެވެ. އެމްއެންޑީއެފުން ފޯރުކޮށްދިން އެހީތެރިކަމަށް އެސްބީއައި އިން ވަނީ ޝުކުރު ދަންނަވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް