އެމްޓީޑީސީން ހިއްސާ އަކަށް 50 ލާރި ބަހަން ފާސްކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހިއްސާ އަކަށް 50 ލާރި ބަހަން ނިންމައިފިއެވެ. މިގޮތަށް ނިންމާފައި ރޭ ބޭއްވި އެ ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. އެގ...

30 Aug 2020 | 06:56

މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހިއްސާ އަކަށް 50 ލާރި ބަހަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައި ރޭ ބޭއްވި އެ ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. އެގޮތުން އޭޖީއެމް ގައި ބައިވެރިވި 1،234 ހިއްސާދާރުންގެ ތެރެއިން 899 ހިއްސާދާރުން ވަނީ މި އަދަދަށް ހިއްސާ ބެހުމަށް އެއްބަސްވެފައެވެ. އަދި 315 މީހުން ވޯޓުގައި ނޫނެކޭ ބުނެފައިވާއިރު، 20 ހިއްސާދާރުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

އޭގެ އިތުރުން، ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ މި އޭޖީއެމްގައި 2020 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ކޭޕީއެމްޖީ ކުންފުނި ހަމަޖައްސާފައިވާއިރު، ކުންފުނީގެ ހިންގާ ގަވާއިދަށް ބައެއް އިސްލާހު ގެނައުމަށް ހުށައެޅި ހުށައެޅުން ވެސް ވަނީ ފާސްކޮށްފައެވެ. އަދި 2019 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ވެސް ފާސްކޮށްފައިވާއިރު، 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވެސް ވަނީ ފާސްކޮށްފައެވެ.

އެމްޓީޑީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައދާގެ ގޮތުގައި ލިބިފައިވަނީ 1.2 މިލިއަން ޑޮލަރު (ގާތްގަޑަކަށް 19.1 މިލިއަން ރުފިޔާ) އެވެ. އެމްޓީޑީސީގެ ޚަރަދާއި އާމްދަނީ ވަނީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، 11 އަހަރަށް ފަހު ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބެހުމަކީ ކުންފުންޏަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ކުންފުނީގެ ހިންގުން ބައްޓަން ކުރާނީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ހިއްސާގެ ފައިދާ ބަހަން ކަމަށެވެ.

"މި ކުންފުނީގެ އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ހިންގުން ރަނގަޅުކޮށް، މެދުނުކެނޑި ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބެހޭނެ ގޮތަކަށް ވިޔަފާރި ރާވައިގެން ކުރިއަށް ގެންދިއުން،" ތަޒްމީލް ވިދާޅުވި އެވެ.

އެމްޓީޑީސީން ވަނީ ރޭގެ އަހަރީ އާއްމު ޖަލްސާގައި، ކުރިއަށް އޮތް އަހަރަށް އެ ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ކޭޕީއެމްޖީ ހަމަޖެއްސުމަށް ފާސްކޮށްފަ އެވެ. އެ ކުންފުނީގެ ބޯޑުގެ ކުރިއަށް އޮތް ދައުރަށް އާއްމު ހިއްސާދާރުގެ ތެރެއިން ފަސް ޑިރެކްޓަރުން ވެސް މިރޭ އިންތިޚާބުކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް