ނެގެޓިވް ޕީސީއާރު ޓެސްޓެއް ހިފައިގެން ނޫން ގޮތަކަށް ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް ހެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ، ވަރަށް އަވަހަށް އެޗްޕީއޭއާ މަޝްވަރާކޮށް ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ފަތުރުވެރިންނަށް އެތެރެވެވޭނެ ގޮތަށް އިއުލާންކުރެވި ކުރިއަށް އޮތްތަނުގައި އެގޮތަށް އަމަލުކުރެވިގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ނެގެޓިވް ޕީސީއާރު ޓެސްޓެއް ހިފައިގެން ނޫން ގޮތަކަށް ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް ހަދަނީ ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ.
"އޭރުން ވަރަށް ގިނަ ޓޫރިސްޓުންނަށް އިތުރަށް ޔަގީންކަމެއް ލިބިގެންދާނެ ރާއްޖެއަކީ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ. އެ ވެސް ވާނެ އަޅުގަނޑުމެންގެ ނަމްބަރުތައް އިތުރުކުރުމަށް މުހިއްމު ކަމަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއި، ފަތުރުވެރިކަމުގެ ދާއިރާ ފަށާފައި ވަނީ ވަރަށް ގިނަ ލުއިތަކަކާއެކު ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.
މިހާރު އޮންނަ ގޮތުން ނަމަ ކޮންމެ ގައުމަކުން ވެސް ރާއްޖެއަށް ފަތުރުވެރިންނަށް އާދެވޭނެއެވެ. ނަމަވެސް އެއިން މީހެއްގެ ގައިން ބަލީގެ އަލާމާތް ފެނިއްޖެނަމަ އެއާޕޯޓުން ވެސް ޓެސްޓް ކޮށް، ފުރުމުގެ ކުރިން ވެސް ބައްޔަށް ޓެސްޓް ކުރެއެވެ.
މިނިސްޓަރު މައުސޫމް ވަނީ ކޯވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ދަށް ކުރެވިއްޖެނަމަ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް