ކޯވިޑް-19 ގެ ހާލަތު ރާއްޖޭގައި، ހާއްސަ ގޮތެއްގައި މާލެ ސަރަހައްދުގައި ގޯސްވެފައިވާއިރު ރަށް ރަށުން ނަރުހުން މާލެ ގެންނާނީ އެ ރަށްރަށުގެ ހިދުމަތްތަކަށް ބުރޫ ނާރާނޭހެން ކަމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީން މިހެން ބުނެފައިވަނީ އދ. ދަނގެތީ ސިއްހީ މަރުކަޒުގައި ތިބި ބިދޭސީ ދެ ނަރުހަކު މާލެ ގެންނާތީ އެ ރަށުގެ ރައްޔިތުން މުޒާހަރާ ކުރަމުންދިޔަ ދަނޑިވަޅެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
މިހާލަތުގައި ރަށް ރަށުން ގެންނަނީ ކިހާ ނަރުހުންނެއްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ރަށް ރަށުން ނަރުހުން ގެންނާނީ ވީހާވެސް މަދުން، އެ ރަށްރަށުގެ ހިދުމަތްތަކަށް ބުރޫ ނާރާނޭހެން ކަމަށެވެ.
ރަށް ރަށުން މިހާރުވެސް މާލެއަށް ނަރުހުން ގެނެސްފައިވާކަން މިދިޔަ އަންގާރަ ދުވަހުގެ ރޭ އެޗްއީއޯސީން ހާމަކޮށްފައިވެއެވެ.
އެރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހްމަދު ޝަހީދު ވިދާޅުވީ ކޯވިޑަށް ފަރުވާ ދިނުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އަތޮޅު ތެރޭގައި މަސައްކަތް ކުރާ ބައެއް ނަރުހުންވެސް މާލޭ ސަރަހައްދުގެ ފެސިލިޓީތަކަށް ގެނެސްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް